ދުވަހަކުވެސް ނުވަންނަ މިންވަރަށް ސިޔާސީ ނުފޫޒު ވަދެ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކަންކަން ދަނީ ފާލުން ނެއްޓެމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލުކޮށް އެ ބަދަލު މީޑިއާއަށް އާންމު ކުރުމާއި ގުޅިގެންނެވެ. މީގެ ކުރިން ސިފައިންގެ އެތެރޭގެ މިފަދަ ބަދަލުތައް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފަހަރުގެ ބަދަލު އާންމުކުރީ މި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅުވައި ބައެއް ފަރާތްތަކުން ސިފައިންނާއި ސިފައިންގެ އިސްވެރިންނަށް ތަފާތު ތުހުމަތުތައް ކުރަމުންދާތީ އެކަމުގެ ޕްރެޝަރުގައެވެ.
އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައި ވަނީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައިވަނީ މޭޖާ މޫސާ ރަމީޒެވެ.
ކުރީގެ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފް ހަމަޔަކަށް އަޅުވަަން އެންމެ ބޮޑަށް ކުރަންވީ ކަމަކީ ގަވާއިދުތައް ތަންފީޒުކޮށް އުސޫލުތައް ދެމެހެއްޓުން ކަމަށެވެ. އަދި ރަައީސް ޔާމީންގެ ވެރިކަމުގައި ފަރުމާ ކުރެވިފައިވާ އަސްކަރީ ކޯޓްގެ ބިލް ފާސްކުރުން ކަމަށް ވިދާޅުވިއެވެ.
"ދުވަހަކުވެސް ނުވަންނަ މިންވަރަށް ސިޔާސީ ނުފޫޒު ވަދެ އެމްއެންޑީއެފްގެ ކަންކަން މި ދަނީ ފާލުން ނައްޓަމުން،"
ރާއްޖޭގެ ފުރަތަމަ ފަހަރަށް އަސްކަރީ ކޯޓެއް އުފެއްދުމަށް ކަމާ ގުޅޭ ބިލްގެ ޑްރާފްޓް ނިންމައި، އެ ބިލް އޭޖީ އޮފީހަށް ފޮނުވީ އާދަމް ޝަރީފްގެ މިނިސްޓަރު ކަމުގައެވެ. އެފަދަ ކޯޓެއްގެ ސަބަބުން ސިފައިންގެ ވަޒީފާތަކުގައި ތިބެ ހިންގާ އެކި ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް ފަސޭހަވެގެން ދާނެ ކަމަށް ޝަރީފް އޭރު ވިދާޅުވިއެވެ.