އާދަމް ޝަރީފު އުމަރު

ގައުމީ ސަލާމަތާގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ: އާދަމް ޝަރީފް

ގައުމީ ސަލާމަތާގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވަނީ ރޭ 19:00 ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލުކޮށްފައެވެ. -އެމްއެންޑީއެފްގެ ސްޓޭޓަސް "ޔެލޯ2" އަށް ޖައްސާނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.-

ނަމަވެސް ގައުމީ ދިފާއީ ބާރުގެ ލެވެލް މަތިކޮށްފައިވަނީ ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން ނޫން ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފައެވެ.

އާދަމް ޝަރީފް އުމަރު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ގައުމީ ސަލާމަތާއި، ފަރުދުންގެ ރައްކާތެރި ކަމަކީ އެންމެ ސީރިއަސް ކަންކަން ކަމަށެވެ.

"މިރިނުވެ ގޮބަޅި ކާށިވާގޮތަށް، ގައުމީ ސަލާމަތާއި ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އަވަސްއާއި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް ރޭ ވިދާޅުވީ ސިފައިންގެ އެލާޓް ލެވަލް ވަނީ އާދައިގެ ލެވަލް އަށްވުރެއް "އެއްލެވަލް" މަތިކުރެވިފައި ކަމަށެވެ. މިއީ ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅި ފިޔަވަޅެއްނޫން ކަމަށާ އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސިފައިންގެ އާންމު ހާލަތުން އެހެންހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ވަކި ދަރަޖަތަކެއް އަމަލުކުރުމަށް އޮންނަ ކަމަށެވެ.

ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ގައުމީ ދިފާއީ ބާރުގެ އެލާޓް ލެވެލް މަތިކޮށްފައި ސީދާ ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި އެކަން ކުރީ މި ދުވަސްވަރު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިގެން ސަލަމާތާއި ރައްކާތެރިކަން އިތުރަށް ޔަގީންކުރަން ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެލާޓް ލެވެލް މަތިކުރީ މި ދުވަސްވަރަކީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަންނަ ދުވަސްވަރަކަށްވާތީ، އެ މީހުންގެ ސަލަމާތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ކަމަށެވެ. އެކަން ކޮށްފައިވަނީ ވަކި ދިވެހިންނަށް ވެސް ނުވަތަ ފަތުރުވެރިންނަށްވެސް ސީދާ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ހޫދު ތަކުރާރުކޮށް ވިދާޅުވި އެވެ.

"ވިޖިލަންސް އެކްސައިޒްކުރުމަކީ ނެތްކަމެއް ނޫން. އޭގެ މާނައަކީ ދިވެހިންނަށް ވެސް ނުވަތަ ޓޫރިސްޓުންނަށްވެސް ސީދާ ނުރައްކަލެއް އޮވެގެންނެއްނޫން އެކަން ކުރަންޖެހޭނީ،" ހޫދު ވިދާޅުވި އެވެ.