ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ނައިފަރު ޖުވެނައިލް އާއި ފޮނަދޫ މޮޅުވިއިރު ޕޮލިސް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ކުރީގައި ހަމަޖެހިލައިފި އެވެ.
މުބާރާތުގައި ރޭ ފޮނަދޫ ޒުވާނުންގެ ރޫހު މޮޅުވީ ގުޑީސްއާ ވާދަކޮށް 3-1 ސެޓުންނެވެ. މި މެޗުގައި ގުޑީސް ކިރިޔާ ވެސް ވާދައެއް ކުރެވުނީ ތިން ވަނަ ސެޓުގަ އެވެ. މި ސެޓް އެޓީމުން ކާމިޔާބު ކުރީ 25-21 އިންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ފޮނަދޫ ކާމިޔާބު ކުރީ ފަސޭހަ ކަމާއެކުގަ އެވެ. އެއީ ފުރަތަމަ ސެޓުގައި ގުޑީސް އަށް 12 އަދި ދެ ވަނަ ސެޓުގައި 13 ޕޮއިންޓް ލިބުމުންނެވެ. މެޗުގެ ފަހު ސެޓުގައި ގުޑީސް އަށް ހޯދުނީ 17 ޕޮއިންޓެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ފޮނަދޫގެ ލަންކާ ކުޅުންތެރިޔާ ވިތަނަގަ އެވެ.
މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމު ޕޮލިސް މޮޅުވީ ދިއްދޫ ޓީނޭޖް ބޯއީސްއާ ވާދަކޮށް 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25-20 އިން ދިއްދޫ އެވެ. އެކަމަކު ފަހަތުން އަރައި ޕޮލިސް އަނެއް ތިން ސެޓް ކާމިޔާބު ކުރީ 25-15، 25-23 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ އުޕްރެޓީ އެވެ.
އިއްޔެ އާއި ރޭ ތިން މެޗު ކުޅުނު މުބާރާތުގައި އިއްޔެ މެންދުރު ކުޅުނު ކާމިޔާބު ކުރީ ނައިފަރު ޖުވެނައިލް އެވެ. އެއީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ސިދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އެ ޓީމުން ގެންދިޔައީ 25-13، 25-10 އަދި 25-9 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖުވެނައިލްގެ ފޮންސެކާ އެވެ.
ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ އަށްދާ މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ނައިފަރު ޖުވެނައިލް އާއި ޕޮލިހެވެ. މިރޭ ކުޅޭނ ފޮނަދޫ އައި މަތިމަރަދޫ އެވެ.