ބޮލީވުޑް

ދެން ސްޓޭޖަށް އަރަން ލިބިއްޖިއްޔާ ރޮވޭނެ: އަޔުޝްމާން

ކުޅަދާނަ އެކްޓަރެއްގެ އިތުރުން އަޔުޝްމާން ކުރާނާއަކީ ވަރަށް ރީއްޗަށް ލަވަކިޔާ ލަވަކިޔުންތެރި އެކެވެ. ލައިވް ޝޯތަކުގައި ސްޓޭޖްގައި ޕާފޯމް ކުރުމަކީ އޭނާ އެންމެ ކުރާހިތްވާ ކަންތަކެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ކަޅު ވިލާގަނޑު މުޅި ދުނިޔެ ބައްދާލުމުގެ ސަބަބުން މިހާރު ލައިވް ކޮންސެޓަކީ ވެސް މާޒީގެ ހަނދާނަކަށް ވަނީ ވެފަ އެވެ. ލައިވްކޮށް ޕާފޯމްކުރި ދުވަސްތައް ހަނދާން ކުރަމުން އަޔުޝްމާން އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓެއްގައި ހިއްސާކޮށްފައި ވެއެވެ.

"ބިންގަރާހުގެ އަނެއް ކޮޅުން އަހަރެމެންނަށް އެބަ އަލިކަމެއް ފެނޭތަ؟ އަހަރެންނަށް މިފަދަ މަންޒަރެއް ދެން ފެންނަ ދުވަހަކުން ޔަގީނުން ވެސް ރޮވޭނެ،" އެކްޓަރު ލިޔެފައި ވެއެވެ.

އަޔުޝްމާން ސްޓޭޖުގައި ޕާފޯމް ކުރާތަން ދެކެން އެންމެން ވެސް ބޭނުންވާނެ އެވެ. ނަމަވެސް އެތަނަށް އަރާ އޭނާ ރޯތަން ދެކޭކަށް އެކަކު ވެސް ނޭނދޭނެ އެވެ. އަޔުޝްމާން ބުނަނީ އެފަދަ ފުރުސަތެއް ލިބޭ ދުވަހަކުން ރޮވޭ ވަރަށް އޭނާ ޖަޒުބާތީ ވާނެ ވާހަކަ އެވެ.

އަޔުޝްމާންގެ އަޑުން ރެކޯޑް ކޮށްފައިވާ "ޕާނީ ދާ ރަންގް"، "ސާޑީ ގައްލީ"، "ތޫ ހީ ތޫ"، "ހީރިޔޭ" އަދި "މީޓީ ދީ ޚުޝްބޫ" އަކީ ވަރަށް ރީތި އަދި ގިނަ ބައެއްގެ ތަރުހީބު އެ ލަވަތަކަކަށް ލިބިފައިވާ ލަވަ ތަކެކެވެ.

އަޔުޝްމާން ބޮލީވުޑް ފިލްމު ކުޅެން ފެށިތާ މިދިޔަ އެޕްރީލަށް ނުވަ އަހަރު ވަނީ ފުރިފަ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ "ވިކީ ޑޯނާ" އެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމުގެ އެންމެ ރީތި ލަވަ "ޕާނީ ދާ ރަންގް" އަކީ ފިލްމުގެ ޝޫޓިންގްގައި އުޅުނުއިރު އޭނާ ތައްޔާރުކުރި ލަވަ އެކެވެ.

އަޔުޝްމާންގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗަންދީގަޅް ކަރޭ އާޝިގީ" އާއި "އަނޭކް" ހިމެނެ އެވެ.