އަމީތާބު

އަމީތާބުގެ "ގުލާބޯ ސިޓާބޯ" އެމެޒޯން ޕްރައިމް ވީޑިއޯއަށް

އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރާ ފުރަތަމަ ފިލްމަށް އަމީތާބު ބައްޗަން އާއި އަޔުޝްމާން ކުރާނާގެ "ގުލާބޯ ސިޓާބޯ" ވެއްޖެ އެވެ. ޝޫޖިތު ސިރްކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ ޖޫން 12 ވަނަ ދުވަހުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯއެއް ސްޓްރީމް ކުރާނެ ކަމަށް އެމެޒޯނުން މިހާރު ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަމީތާބު ބުނީ މިއީ ގޭގައި ތިބެގެން އާއިލާގެ އެންމެން އެކުގައި ބަލާލަން ވަރަށް ކަމުދާނެ ފެމެލީ ޑްރާމާ އެއް ކަމަށެވެ. މި ފިލްމުގައި އޭނާ ކުޅެފައި ވަނީ ވަރަށް ހިތްހަމަޖެހޭ ކެރެކްޓާއެއް ކަމަށާއި ކެރެކްޓާ ހުންނަ ގޮތަށް ސިފަ ބަދަލު ކުރަން ޝޫޓިން އޮންނަ ކޮންމެ ދުވަހަކު ތިން ގަޑިއިރު ހޭދަވި ކަމަށް ވެސް އަމީތާބު ބުންޏެވެ. އަދި އަޔުޝްމާން ފަދަ ކުޅަދާނަ ބަތަލާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މި ފިލްމުން ލިބިފައިވާތީ ވެސް އަމީތާބު ވަރަށް އުފާވި ކަމަށް އޭނާ ބުންޏެވެ.

އަމީތާބު ވެސް ވަނީ "ގުލާބޯ ސިޓާބޯ" ޑިޖިޓަލްކޮށް އެމެޒޯން އިން ސްޓްރީމް ކުރާކަން އިއުލާން ކޮށްފަ އެވެ.
ފިލްމާއެކު އަމީތާބާއެކު މުހިއްމު ރޯލެއް ކުޅޭ އަޔުޝްމާން ބުނީ މިއީ ވަރަށް ޚާއްސަ ފިލްމެއް ކަމަށެވެ. ސަބަބަކީ މިއީ އޭނާގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު އަދި މެންޓާ ޝޫޖިތުގެ ފިލްމަކަށް ވެފައި އޭނާއަށް މިހާރު އާދެވިފައިވާ ހިސާބަށް އާދެވުނީ ޝޫޖިތުގެ ސަބަބުން ކަމަށް ގަބޫލު ކުރާތީ އެވެ.

ފިލްމު ޚާއްސަވާ އަނެއް ސަބަބެއް ކަމަށް އަޔުޝްމާން ބުނީ އަމީތާބާއެކު ސްކްރީން ޝެއާ ކުރެވުނީތީ އެވެ. އަމީތާބު ފަދަ ހުނަރުވެރި އަދި ތަޖުރިބާކާރު އެކްޓަރަކާއެކު ފިލްމެއް ކުޅެން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އަޔުޝްމާން ބުންޏެވެ.