އަޔުޝްމާން ކުރާނާ

"ގުލާބޯ ސިޓާބޯ"އަށް އަޔުޝްމާން އެއްބަސްވީ ޕާޓީއަކުން

ޝޫޖިތު ސިރްކާރްގެ "ގުލާބޯ ސިޓާބޯ" ގައި އެންމެ މުހިއްމު ރޯލުތައް ކުޅެފައި ވަނީ އަމީތާބް ބައްޗަން އާއި އަޔުޝްމާން ކުރާނާ އެވެ. ފިލްމު މިހާރު އޮންލައިންކޮށް ރިލީޒް ކޮށްފައިވާއިރު ކްރިޓިކްސް އާއި ބެލުންތެރިންގެ ތައުރީފު ދަނީ ލިބެމުންނެވެ. މިއީ އަޔުޝްމާން އާއި އަމީތާބު އެކުގައި ކުޅުނު ފުރަތަމަ ފިލްމަށް ވިޔަސް މި ދެ ތަރިންގެ ޕާފޯމަންސް ވަރަށް ފުރިހަމަ ކަމަށް ފިލްމު ބެލި އެންމެން ވެސް އަންނަނީ ބުނަމުންނެވެ.

ދާދިފަހުން ޑައިރެކްޓަރު ޝޫޖިތު ވަނީ ފިލްމަށް އަޔުޝްމާން ޚިޔާރު ހުރި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި އަޔުޝްމާނަށް ފިލްމު ދޭން ނިންމައި އެ ފިލްމު އަޔުޝްމާނަށް ހުށަހެޅި ގޮތް ވެސް ކިޔައިދީފަ އެވެ. ޑައިރެކްޓަރު ބުނީ އަޔުޝްމާން އަކީ އެ ރޯލަށް އޭނާ ފުރަތަމަ ވެސް ބޭނުންވި އެކްޓަރެވެ.

"އެންމެ ފުރަތަމަ އަހަރެން އަމީތާބުގެ ކެރެކްޓާ ކުޅޭނެ އެކްޓަރަކާ މެދު ވިސްނީ. ދެން އަމީތާބު ހަމަޖެހުމުން އަޔުޝްމާން ހަމަޖައްސަން ނިންމީ. އެ ވާހަކަ އަހަރެން އޭނާއާ ހިއްސާ ކުރީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެނީގެ ރިސެޕްޝަނުން ދިމާވެގެން. އެ ފިލްމުގެ ނެރޭޝަން ވެސް އަހަރެން ދިނީ އެ ރިސެޕްޝަންގައި ހުރެގެން،" ޝޫޖިތު ބުންޏެވެ.

ނަސީބަކުން އަޔުޝްމާނަށް މި ނެރޭޝަން ވަރަށް ކަމުދިޔަ އެވެ. އަދި ވަގުތުން ފިލްމު ކުޅެން އެއްބަސްވި އެވެ.

"ފިލްމުގެ ނެރޭޝަން އަޑުއަހާފަ އަޔުޝްމާން އުފަލުން ވަރެއް ނެތް. އެތަނުގައި ހުރެގެން އުފަލުން ފުމެން ފަށައިފި،" ޑައިރެކްޓަރު ބުންޏެވެ.