އަޔުޝްމާން ކުރާނާ އަކީ އެހެން އެކްޓަރުންނާ ވަރަށް ތަފާތު ވައްތަރު ތަކުގެ ފިލްމުތައް ކުޅުމަށް ޝައުގުވެރިވާ އެކްޓަރެކެވެ. ކޮންމެ ފިލްމެއްގައި ވެސް ވަރަށް ތަފާތު ކެރެކްޓާއެއް ކުޅެން އަޔުޝްމާން އަބަދުވެސް ބޭނުންވެއެވެ. އެގޮތުން އަޔުޝްމާން އަލަށް ފަށާ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ ފިލްމުގައި ވެސް އަޔުޝްމާން ކުޅެން ހަމަޖެހިފައިވާ ރޯލު ހަމަ އެހާ ތަފާތު ވާނެ އެވެ.
އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި އަޔުޝްމާން މިހާރު ހުރީ ސޯޝަލް މީޑިއާ އާ ވެސް މުޅިން ދުރުވެގެންނެވެ. އެއީ އޭނާގެ ހަށިގަނޑަށް މިގެންނަ ބަދަލުތައް މީހުންނަށް ފެނުނަ ނުދިނުމަށެވެ. ފިލްމުގެ ޝޫޓިން ނިމުމުގެ ކުރިން އޭނާ ހުރި ސިފަ އެއްވެސް މީހަކަށް ދައްކާޚަށް އަޔުޝްމާން ބޭނުމެއް ނޫނެވެ.
މިފަހަރުގެ ފިލްމުގައި އަޔުޝްމާން ކުޅެނީ ކުޅިވަރު ކުޅޭ މީހެއްގެ ރޯލަކަށް ވާތީ އޭނާގެ ހަށިގަނޑު ވެސް ބަދަލުކުރާނީ އެ ފިލްމުގައި އޭނާ ކުޅޭ ކުޅިވަރާ ގުޅޭ ގޮތަށް ކަމަށް ބެލެވެ އެވެ.
އަޔުޝްމާން އަށް އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު އެހާ ބޮޑަށް ނުދައްކާ އުޅެވޭ ސަބަބަކީ އޭނާ މިވަގުތު ހުރީ މުމްބައިކަމަށް ނޫން ކަމަށް ވާތީ އެވެ. މުމްބައިގައި އުޅޭނަމަ ކިރިޔާ ބޭރަށް ނުކުމެލިޔަސް ޕަޕަރާޒީންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ އެވެ.
ހަށީގަނޑަށް ބަދަލުތައް ގެންނަން ފެށި ހިސާބުން އަޔުޝްމާން ދިރިއުޅެމުންދަނީ ޗަންދީގަޅުގައި ހުންނަ އޭނާގެ ގެއެއްގަ އެވެ.
އަޔުޝްމާނުގެ ފޭނުން ގަބޫލުކުރާ ގޮތުގައި ޑައިރެކްޓަރާއި އަޔުޝްމާން ގުޅިގެން މިހާރު ރާވަމުންދަނީ ބެލުންތެރިންނަށް ވަރަށް ރަނގަޅު ސަޕްރައިޒެއް ދޭށެވެ.
އަޔުޝްމާންގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކޮށްފައިވަނީ އަމީތާބު ބައްޗަން އާއެކު އޭނާ ކުޅުނު "ގުލާބޯ ސިޓާބޯ" އެވެ. މި ފިލްމަށް ކްރިޓިކްސް އާއި ބެލުންތެރިންގެ ފަރާތުން ވަރަށް ތައުރީފު އޭނާ އަށް ލިބުނެވެ.