ބޮލީވުޑް

އަޔުޝްމާންގެ އާ ފިލްމަކީ "ޑޮކްޓަރު ޖީ"

އެކްޓަރު އަޔުޝްމާން ކުރާނާ އަކީ ބޮލީވުޑްގައި އާއްމުކޮށް އުފައްދާ ފިލްމުތަކާ ތަފާތު ފިލްމުތައް ކުޅުމަށް މަޝްހޫރު އެކްޓަރެކެވެ. އާދައިގެ ބޮލީވުޑް މަސާލާ ފިލްމުތައް އަޔުޝްމާން އަކަށް ކަމަކު ނުދެ އެވެ. އަދި އޭނާ އެފަދަ ފިލްމުތައް ކުޅެއެއް ނޫޅެ އެވެ.

މިހާތަނަށް އޭނާ ތަޖުރިބާކުރުމުގެ ގޮތުން ކުޅުނު ފިލްމުތައް ވެފައިވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކަކަށް ވެސް މެއެވެ. ހިންދީ ސިނަމާއިން އާންމުކޮށް ފެންނަ ޒާތުގެ ފިލްމުތައް ބަލަން ޝައުގުވެރި ނުވާ ގިނަ ބަޔަކަށް އަޔުޝްމާންގެ ފިލްމުތައް ވަރަށް ކަމުދެ އެވެ. އޭނާ މިހާތަނަށް ކުޅުނު ހުރިހާ ފިލްމަކަށް ހެން ބޮޑު ތަރުހިބެއް ލިބިފައިވުމީ މީގެ ހެއްކެކެވެ.

މިފަދަ ޔުނީކް އަދި އިނޮވެޓިވް ސްކްރިޕްޓަކާއެކު އާ ފިލްމެއް އަޔުޝްމާން ވަނީ ދާދިފަހުން އިއުލާން ކޮށްފައެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ އަނޫބުތީ ކަޝޭޕް އެވެ. ޕްރޮޑިއުސަރަކީ ޖަންގްލީ ޕިކްޗާޒް އެވެ.

އަޔުޝްމާންގެ ސޯޝަލް މީޑިއާ އެކައުންޓުން އޭނާ އިއުލާންކުރި މި ފިލްމުގެ ނަމަކީ "ޑޮކްޓާ ޖީ" އެވެ. ފިލްމުގެ ނަމެކޭ އެއްގޮތަށް ފިލްމުގައި އަޔުޝްމާން ކުޅެނީ ޑޮކްޓަރެއްގެ ރޯލެވެ. ފިލްމުގެ ސްކްރިޕްޓް ހިފައިގެން ހުރެ ނަގާފައިވާ ފޮޓޮއަކާއެކު ޓުވިޓާގައި އަޔުޝްމާން ޝެއާކުރި މެސެޖުގައި ލިޔެފައިވަނީ "ޑޮކްޓަ ޖީ ވަރަށް އަވަހަށް ބަލި މީހުން ބަލަން ފަށާނެ" ކަމަށެވެ.

"ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ "ޑޮކްޓަރު ޖީ" އާ މެދު ބޮޑު ޝައުގުވެރިކަމެއް އޭނާގެ އުފެދުނީ ޑޮކްޓަރު ކޯޓު ލައިގެން ފިލްމު ކުޅެން ޖެހޭތީ ކަމަށެވެ.

މިއީ ޑޮކްޓަރެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެއް ނަމަވެސް ވަރަށް މަޖާ ވާނެ ކަމަށާއި ފިލްމު ބަލާ މީހުންނަށް ފިލްމުގައި ދޭ މެސެޖާ މެދު ވިސްނާލަން މަޖްބޫރުވާނެ ކަމަށް ވެސް އަޔުޝްމާން ބުންޏެވެ.

މިއީ ޖަންގްލީ ޕިކްޗާޒްއިން ޕްރޮޑިއުސްކޮށް އަޔުޝްމާން ބަތަލުގެ ބައި ކުޅޭ ތިން ވަނަ ފިލްމެކެވެ. "ބަރީލޭ ކީ ބަރްފީ" އާއި "ބަދާއީ ހޯ" އަކީ މީގެ ކުރިން މި ފިލްމު ކުންފުންޏާއި އަޔުޝްމާން ގުޅިގެން އުފެއްދި ދެ ވަނަ ފިލްމެވެ. އެހެންކަމުން "ޑޮކްޓަރު ޖީ"އާއެކު ކާމިޔާބު ހެޓްރިކެއް ހެދުމަށް އަޔުޝްމާން އުންމީދު ކުރެ އެވެ.

އަޔުޝްމާން ބުނި ގޮތުގައި ޖަންގްލީ ޕިކްޗާޒްއިން އަބަދުވެސް ވަރަށް މޮޅު ކޮންސެޕްޓްތަކުގެ ފިލްމުތައް އުފެއްދުމަށް ސަމާލުކަން ދެއެވެ. އޭނާގެ އާޓިސްޓެއްގެ ވިސްނުމާއި ކުންފުނީގެ އަމާޒާ ގުޅޭލެއް ބޮޑުވުމަކީ އެ ކުންފުނީގެ ފިލްމުތައް ކުޅެން އޭނާ އެންމެ ބޮޑަށް ޝައުގުވެރިވާ ސަބަބު ކަމަށް ވެސް އަޔުޝްމާން ބުންޏެވެ.

އަޔުޝްމާން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްވެފައިވަނީ އަމީތާބު ބައްޗަން އާއެކު ކުޅުނު "ގުލާބޯ ސިޓާބޯ" އެވެ. މިއީ ޑިޖިޓަލްކޮށް ރިލީޒްކުރި އަޔުޝްމާން އަދި އަމީތާބް ބައްޗަންގެ ވެސް ފުރަތަމަ ފިލްމެވެ. އަޔުޝްމާން މިހާރު ކުޅެމުންދާ "ޗަންދީގަޅް ކަރޭ އާޝިގީ"ގެ މަސައްކަތް އޭނާ ވަނީ މީގެ ދެ ތިން ދުވަސް ކުރިން ނިންމާލާފަ އެވެ. މި ފިލްމުގެ ބަތަލާއަކީ ވާނީ ކަޕޫރެވެ.