ސްޓެލްކޯ

ކަރަންޓު ބިލްތަކުގެ ޑިސްކައުންޓަށް 50 މިލިއަން ރުފިޔާ

May 30, 2021

ސަރުކާރުން އަލަށް ތައާރަފުކުރި "އިކޮނޮމިކް ރިލީފް" ގެ ދަށުން އަންނަ މަހު ކަރަންޓު ބިލުން ޑިސްކައުންޓް ދޭން 50 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.

ސަރުކާރުން ވަނީ އަންނަ މަހުގެ ގޭގެއަށް ދޫކުރާ ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް، އަދި ވިޔަފާރިތަކުގެ ބިލްތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. އަދި ފެނުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ.

މި ބަދަލާއެކު ސްޓެލްކޯ އިން ގޭގޭގެ ބިލްތަކަށް 26.4 މިލިއަން ރުފިޔާ އަދި ވިޔަފާރިތަކުގެ ބިލްތަކަށް 25.1 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދޭނެ އެވެ. ޖުމްލަ ބިލްތަކަށް ދޭ ޑިސްކައުންޓުގެ އަގު 51 މިލިއަން ރުފިޔާއަށް އަރަ އެެވެ.

ސްޓެކޯލްކޯއަކީ ކަރަންޓުގެ އިތުރުން ބައެއް ރަށްރަށުގައ ފެނުގެ ހިދުމަތްވެސް ދޭ ކުންފުންޏެކެވެ. ފެނުގެ ހިދުމަތްދޭ ރަށްރަށުގައި އާއްމުންގެ ބިލްތަކަށް 75،000ރ. އަދި ވިޔަފާރިތަކަށް 61،000ރ. ގެ ޑިސްކައުންޓެއް ދޭނެ އެވެ.

ކަރަންޓު ބިލްތަކުގެ ޑިސްކައުންޓަށް ސްޓެލްކޯއިން ބޮޑު އަދަދެއް މާފު ވެގެންދާއިރު، އެ ކުންފުނީގައި ކަރަންޓު ބިލް ބަހާލައިގެން ދެއްކުމުގެ އޮޕްޝަންވެސް ހުރެ އެވެ. އަދި ސްޓެލްކޯގެ މޮބައިލް އެޕަކީ ބިލަށް އަރާވަރު އަމިއްލައަށް ހިސާބު ހަދާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޕެކެވެ.