މޯލްޑިވްސް ޕޮލިސް ސާވިސް

ކުޅުދުއްފުށީގައި ޒަހަމްކޮށްލި މީހެއްގެ ހާލު ސީރިއަސް

May 30, 2021

ހދ. ކުޅުދުއްފުށީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު، މީހަކު ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާ ކޮށް ޒަހަމްކޮށްލާފައިވާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ ރޭ 8:48 ހާއިރު ކަމަށާއި އަނިޔާތައް ލިބުނު އުމުރުން 29 އަހަރުގެ ފިރިހެން މީހާގެ ހާލު ދެރަ ކަމަށެވެ.

އެމީހާއަށް މިހާރު ގެންދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ޒަހަމްތަކަކާއެކު އޮތް މީހަކު ރޭގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމުން މާލެއަށް ފޮނުވަން މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެމީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

މި ހަމަލާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.