ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

އިންޓާންޝިޕް ނަަަހަދާ ވޮލަންޓިއާ ކުރުމުގެ ފުރުސަތު

އެމްބީބީއެސް ޑިގްރީ ފުރިހަމަ ކުރުމަށް ފަހު އިންޓާންޝިޕް ފުރިހަމަނުކޮށް ތިބި މީހުންވެސް ވޮލަންޓިއާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން އެމްބީބީއެސް ފުރިހަމަކޮށް އިންޓާންޝިޕް ނަހަދާ ފަރާތްތަކަށް ވެސް ވޮލަންޓިއާކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެމްބީބީއެސް ފުރިހަމަ ކުރި ނަމަވެސް އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައި ނެތް ބައެއް ބޭފުޅުން މިހާރު ވެސް ރާއްޖޭގައި އެބަ ތިއްބެވެ. އެ ބޭފުޅުންގެ މައުލޫމާތުތައް ފޯރު ކޮށްދިނުމަށް އެދި ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީއާ އެކު ހިދުމަތް ދޭނެ މީހުންވެސް މަދުވެފައިވާތީވެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުން ވެސް ވޮލަންޓިއާކޮށް ކޮވިޑް ފެސިލިޓީތަކުގައި މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ.

ހާލަތު ގޯސްވެފައިވާ އިރު ރާއްޖޭގައި އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. އަދި ޑޮކްޓަރުންނާއި ނަރުހުން ހޯދަން ވަނީ އިއުލާންވެސް ކޮށްފަ އެވެ.

މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 އަށް ވުރެ ގިނަ ރަށް މިހާރު ވެސް އޮތީ މޮނިޓަރިންގަ އެވެ. ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު އުޅެނީ ހާހުން މަތީގަ އެވެ. އަދި މަރުވާ މީހުންގެ އަދަދު ވަނީ ކަންބޮޑުވާ ދަރަޖައަށް އުފުލިފަ އެވެ. މިހާތަނަށް ކޮވިޑް ޖެހިފައިވާ 62،906 މީހުން ރާއްޖެއިން ފެނިފައިވާއިރު ބަލީގައި 158 މީހަކު ވަނީ މަރުވެފަ އެވެ.