ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ފަރުވާދެވޭ ވަރަށް ސެންޓަރު އޮތީ ތައްޔާރުވެފައި: ނަޒްލާ

ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވީ ނަމަވެސް ބަލިމީހުންނަށް ފަރުވާދެވޭ ވަރަށް ތައްޔާރުވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނަޒްލާ ވިދާޅުވީ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިވަގުތުވެސް 100 އެނދު ތައްޔާރުކޮށްފައިވާ ކަމަށެެވެ. އައިސީޔޫ ކެޕޭސިޓީވެސް އިތުރުކޮށްފައިވާ ކަމަށާއި އަދި ހުޅުމާލޭގައި ހަދާފައިވާ އޮރެންޖެ ހިޔާގައި ވެސް އޮކްސިޖަން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އޮރެންޖު ހިޔާގައި އެކަނިވެސް 200 އެނދު ހުރީ ބަލިމީހުންނަށް ފަރުވާދިނުމަށް ތައްޔާރުކޮށްފަ އެވެ.

ފަހަކަށް އައިސް ކޮވިޑް ފެތުރެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު އަތޮޅު ތެރެއިން ފެންނަ ކޭސްތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އިއްޔެވެސް އަތޮޅުތަކުން 165 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

ނަޒްލާ ވިދާޅުވީ އަތޮޅު ތެރޭގެ ކޮވިޑް ފެސިލިޓީތައް ވެސް ކުރިއެކޭ އެއްގޮތަށް މިވަގުތު ބޭނުންކުރަން ވެއްޖެނަމަ ތައްޔާރީ ހާލަތުގައި ހުރި ކަމަށެވެ. އަދި އެޑްމިޓްކުރަންޖެހޭ ހާލަތުގައި ތިބި މީހުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުން ފާހަގަކުރެވޭތީ ހިދުމަތްތައް ރަނގަޅު ރަށްރަށުގެ ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ފެސިލިޓީތަކުގައި އެޑްމިޓްކުރަންޖެހޭނަމަ ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ދެން [މިހާރު ކޭސްތައް އިތުރުވާތީ] ތައްޔާރުވުމުގެ ގޮތުން ހަމަ އަތޮޅުތެރޭގެ ފެސިލިޓީތަކާއި އަތޮޅުތެރޭގެ ޓެސްޓިންތައް ވެސް ހަމަ ކުރިއަށް ދާނެ،" ނަޒްލާ ވިދާޅުވި އެެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ކޮވިޑް ކޭސްތައް އިތުރުވާތީ ޓެސްޓް ކުރެވޭވަރަށް ޓެސްޓް ކިޓްތައް ވެސް މިހާރު ހޯދާފައިވާ ކަމަށެވެ. އަދި ރަށްރަށުން އެދޭވަރަަކަށް ސާމްޕަލް ނަގާތަކެތި ފޯރުކޮށްދެމުންގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެޗްއީއޯސީން ވަނީ ކޮންމެ މީހަކުވެސް ބަލިން ރައްކާތެރިވުމަށް މާސްކް އެޅުމަށާއި ގައިދުރުކުރުމަށާއި އަދި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެދިފަ އެވެ.