މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ މަރުކަޒުތައް ހިންގަން ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށްފަހު އެކަމާ ގުޅޭ އިއުލާން ބާތިލްކޮށްފި އެވެ.
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކޮށްފައިވާ އިއުލާން އިއްޔެ ބާތިލް ކުރީ އިއުލާނުގެ މައުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަންޖެހުމާއި ގުޅިގެން ކަމަށް އެންޑީއޭ އިން މައުލޫމާތުދެ އެވެ.
މަރުކަޒުތައް ހިންގަން ހުޅުވާލީ ދެ ގޮތަކަށެވެ. އެއީ މިމަަސައްކަތަށް ޝައުގުވެރިވާ ފަރާތުން ބޭނުންވާ ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރެއް ހިންގުން ނުވަތަ އެންޑީއޭއިން ހިންގާ މަރުކަޒަކާ ހަވާލުވެ އެތަން ހިންގުމެވެ.
ރިހިބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެންޑީއޭ އިން ފުރުސަތު ހުޅުވާލައި އިއުލާން ކުރީ މިދިޔަ އޭޕްރީލް 11 ވަނަ ދުވަހު އެވެ.
އަމިއްލަ ފަރާތްތަކަށް ރިހިބިލިޓޭޝަން ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރު ހިންގުމަށް ހުޅުވާލީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް އެފަދަ މަރުކަޒުތައް ގާއިމުކޮށް ހިދުމަތް ދިނުމުގެ ފުރުސަތު ގާނޫނުގެ ތެރެއިން ފަހިކޮށްދިނުމަށް ފަހު އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ މަރުކަޒުތައް މިވަގުތު ހިންގަމުން ދަނީ ހަމައެކަނި އެންޑީއޭގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެތަނުގެ އިދާރީ މައްސަލަތަކާއި ހިދުމަތްތައް ވަރަށް ބޮޑަށް ފެންވަރު ދަށްވެ އަދި މުޅި ތަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އެންޑީއޭ އިން ހިދުމަތް ހޯދާ މީހުން ދަނީ ބުނަމުންނެވެ.
އެންޑީއޭ އިން ހިންގާ މަރުކަޒުތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލާފަ އެވެ. އަދި ފާހަގަކުރެވޭ މައްސަލަތައް އިސްލާހުކުރުމަށްވެސް އެންޑީއޭ އަށް ވަނީ އަންގާފަ އެވެ.