އެމްޑަބްލިއުއެސްސީ

ފެން ބިލުން ވެސް އަންނަ މަހު ޑިސްކައުންްޓް ލިބޭނެ

May 30, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ގޮތުގެ މަތިން މި މަހުގެ ފެން ބިލުން ގޭބިސީތަކަށް 30 ޕަސެންޓް އަދި ވިޔަފާރިތަކަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ސަރުކާރުން އަލަށް ތައާރަފުކުރި "އިކޮނޮމިކް ރިލީފް" ގެ ދަށުން މާލެ ސަރަހައްދުގެ އިތުރުން ރ. ދުވާފަރު، ކ. މާފުށި އަދި ހދ. ކުޅުދުއްފުށީގެ ގޭބިސީތަކާއި ވިޔަފާރިތަކަށް މި އަދަދަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

އަދި ރ. ދުވާފަރުގައި އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުން އަންނަ މަހު ފޮނުވާ ބިލަށް 40 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށް ވެސް ބުނެ އެވެ. ކަރަންޓު ބިލުން ވެސް ބިޔަފާރިތަކަށް ދޭނީ 20 ޕަސެންޓްގެ ޑިސްކައުންޓެކެވެ.

ކޮވިޑް-19ގެ މި ހާލަތުގައި ސަރުކާރުން އަޅާ މިފަދަ ހުރިހާ ފިޔަވަޅަކަށް އެ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެ އެވެ.

ސަރުކާރުން ވަނީ އަންނަ މަހު ގޭގެއަށް ދޫކުރާ ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް، އަދި ވިޔަފާރިތަކުގެ ބިލްތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. އަދި ފެނުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ.