ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ތިން އަހަރު ދަރަނި ދައްކަން އެއްވެސް ދައްޗެއް ނެތް: ރައީސް

މިއަހަރާ އަދި ކުރިއަށް އޮތް ދެ އަހަރުވެސް ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ އިގްތިސޯދު މިހާރު މިސްރާބު ހުރި ގޮތަށް ބަލާއިރު 2023 ގައި ރާއްޖޭގެ ރިޒާވް ހުސްވެ، ލޯނު ނުދެއްކިދާނެ ހާލަތަކަށް ވެއްޓިދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިން ބުނެފައިވަނިކޮށެވެ.

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށެވެ.

އަދި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް އެޅުއްވޭނެ ފިޔަވަޅުތައް ގެންދަވަނީ އަޅުއްވަމުންނެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ރިޒޯޓުތަކުން ނަގާ ލޭންޑް ރެންޓް ކުޑަކުރުމަށް ނިންމާފައި އޮތް ނިންމުން މިވަގުތަށް މަޑުޖައްސާލަން ނިންމެވި ނިންމެވުމެވެ. އަދި އެ ނޫން ފިޔަވަޅުތައްވެސް ކުރިއަށްއޮތްތާ އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

"މިއަދު ބޭއްވުނު އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި އެގޮތުން އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައި. އެގޮތުން އަޅުގަނޑުމެން ކުރިން ނިންމާފައި އޮތް ރިޒޯޓުތަކުން ނަގާ ލޭންޑް ރެންޓް ކުޑަކުރުމަށް ނިންމާފައި އޮތް ނިންމުން މިވަގުތަށް މަޑުޖައްސާލަން އަޅުގަނޑުމެން މިއަދު ވަނީ ނިންމާފައި. އެގޮތުން ބަޖެޓަށް އުނިވެގެންދާނެ ބައި އިރާދަކުރެއްވިއްޔާ އެ ބައި ކަވަރު ވެގެން ދާނެ. އޭގެ އިތުރުން އިތުރު މެޝާސްތަކެއް ނެގުމަށް މިއަދު އަޅުގަނޑުމެން ވާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން ދައްކަމުންދާ އެއްޗެއް ކަމަށާ މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުވެސް ދަރަނި ދެއްކުމުގައި ދައްޗެއް ނެތި ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އިގްތިސާދީ ގޮތުން ދަތިތަކެއް ހުރި ނަމަވެސް އެ ދަތިތަކާ އެކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމާ އެކީ ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާ އެކީގައި ކުރިއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން ދައްކަމުންދާ އެއްޗެއް. އެގޮތުން މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ތިޔަބޭފުޅުންގެ މައުލޫމާތަށްޓަކައި ޔަގީންކަމާއެކުގައި އަޅުގަނޑު ދަންނަވާލަން. އަދި ހަމަ އެއާއެކުގައި ކުރިއަށް އޮތް އަހަރު 2023 ވަނަ އަހަރު 2024 ވަނަ އަހަރުވެސް އެކަމުގައި ދައްޗެއް ނެތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ސޯލިހް ވިދާޅުވީ ރަަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ތެލުގެ އަގުބޮޑުވެ އިތުރު ކޮމޮޑިޓީތަކުގެ އަގު އެތައް ގުނައެއް އުފުލިގެން ދިޔަ ކަމަށެވެ. 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއް މިއަދު އެވްރެޖް ގޮތެއްގައި ހުރީ 115 ޑޮލަރަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާކުރި ވަރަށްވުރެ އެތައް ގުނައެއް ބަޖެޓުން ތެލަށް ހޭދަ ކުރަން ޖެހިފައިވާ ކަމަށެވެ.

"ސަބްސިޑީގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބަދަލުގައި މިއަދު ބިލިއަނެއްހާ ރުފިޔާ ބަޖެޓުން ހޭދަކުރަން ޖެހިއްޖެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިމްޕޯޓްކުރާ އެހެން މުދަލަށްވެސް ބަޖެޓުން އިތުރު ހަރަދު ކުރަން ޖެހިފައިވާ ކަމަށާ ނަމަވެސް ދިވެހި އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށް ކަމަށެވެ. ޓޫރިސްޓް އެރައިވަލް އިތުރުވެ އާމްދަނީ އަމާޒު ކުރި ވަރަށް ވުރެ އިތުރު ކަމަށެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިން ކޮށްފައިވާ ދިރާސާގެ މައްޗަށް ނެރުނު ރިޕޯޓެއްގައިވާ ގޮތުން ރަޝިއާ އިން ޔުކްރޭނަށް އަރައި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސޯދަށް ނޭދެވޭ އަސަރެއް ކުރާނެ އެވެ. އަދި މިކަމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ދޫކުރާ ދަރަނީގެ އިންޓްރެސްޓް ރޭޓް މަދުވުމުގެ ބިރު އެބައޮތެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ޖޭޕީ މޯގަން އިން ބުނެފައިވަނީ ދަރަނި މަތި ގައުމުތަކަށެވެ.

އެ ބޭންކުން ވަނީ ސްރީލަންކާ އަށް ވީގޮތަށް، ދަރަނި ޑިފޯލްޓްވުމުގެ ބިރު އޮތް ގައުމުތަކުގެ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ. އެ ބޭންކުން ދިރާސާކޮށް ބެލި ގައުމުތަކުގެ ތެރޭގައި 52 ގައުމަކަށް ދަރަނި ނުދެއްކުމުގެ މައްސަލަ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އަށް ގައުމެއްގެ ރިޒާވް 2023 ވަނަ އަހަރު އަންނަންވާއިރަށް ހުސްވެ ދަރަނި ނުދެއްކުމުގެ މައްސަލައާ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ރިޒާވް މާޗް މަހުގެ ނިޔަލަށް ހުރީ 865 މިލިއަން ޑޮލަރުގަ އެވެ. އަދި އެ މުއްދަތާ ހަމައަށް ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ބަލާނަމަ 122 ޕަސެންޓެވެ.