ސަރުކާރުން އަންދާޒާކުރި ވަރަށް ވުރެ އެތައް ގުނައެއް ދައުލަތުގެ ބަޖެޓުން ތެލަށް ހޭދަކުރަން ޖެހިފައިވާ ކަމަށާ ސަބްސިޑީގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބަދަލުގައި މިއަދު ބިލިއަނެއްހާ ރުފިޔާ ބަޖެޓުން ހޭދަކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހް ވިދާޅުވީ ރަަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ތެލުގެ އަގުބޮޑުވެ އިތުރު ކޮމޮޑިޓީތަކުގެ އަގު އެތައް ގުނައެއް އުފުލިގެން ދިޔަ ކަމަށެވެ. 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއް މިއަދު އެވްރެޖް ގޮތެއްގައި ހުރީ 115 ޑޮލަރަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާކުރި ވަރަށްވުރެ އެތައް ގުނައެއް ބަޖެޓުން ތެލަށް ހޭދަ ކުރަން ޖެހިފައިވާ ކަމަށެވެ.
"ސަބްސިޑީގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބަދަލުގައި މިއަދު ބިލިއަނެއްހާ ރުފިޔާ ބަޖެޓުން ހޭދަކުރަން ޖެހިއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިމްޕޯޓްކުރާ އެހެން މުދަލަށްވެސް ބަޖެޓުން އިތުރު ހަރަދު ކުރަން ޖެހިފައިވާ ކަމަށާ ނަމަވެސް ދިވެހި އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށް ކަމަށެވެ. ޓޫރިސްޓް އެރައިވަލް އިތުރުވެ އާމްދަނީ އަމާޒު ކުރި ވަރަށް ވުރެ އިތުރު ކަމަށެވެ.
"އެހެން ނަމަވެސް މި ދެންނެވި ފަދައިން ކުރަންޖެހޭ ހަރަދު އިތުރުވުމުގެ ސަބަބުން އަޅުގަނޑުމެން މިވަނީ އެއާ ދޭތެރޭގައި ވިސްނަން ޖެހިފައި. މިއަދު ބޭއްވުނު އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި އެގޮތުން އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައި. އެގޮތުން އަޅުގަނޑުމެން ކުރިން ނިންމާފައި އޮތް ރިޒޯޓުތަކުން ނަގާ ލޭންޑް ރެންޓް ކުޑަކުރުމަށް ނިންމާފައި އޮތް ނިންމުން މިވަގުތަށް މަޑުޖައްސާލަން އަޅުގަނޑުމެން މިއަދު ވަނީ ނިންމާފައި. އެގޮތުން ބަޖެޓަށް އުނިވެގެންދާނެ ބައި އިރާދަކުރެއްވިއްޔާ އެ ބައި ކަވަރު ވެގެން ދާނެ. އޭގެ އިތުރުން އިތުރު މެޝާސްތަކެއް ނެގުމަށް މިއަދު އަޅުގަނޑުމެން ވާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން ދައްކަމުންދާ އެއްޗެއް ކަމަށާ މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުވެސް ދަރަނި ދެއްކުމުގައި ދައްޗެއް ނެތި ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އިގްތިސާދީ ގޮތުން ދަތިތަކެއް ހުރި ނަމަވެސް އެ ދަތިތަކާ އެކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމާ އެކީ ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާ އެކީގައި ކުރިއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.