މިނިސްޓްރީ އޮފް އެޑިއުކޭޝަން

ގުރޭޑް ފަށާ ދަރިވަރުންނަށް ފުރުސަތު ލިބޭ ސުކޫލު އަންނަ މަހު އެނގޭނެ

ދިރާސީ އާ އަހަރަށް ސުކޫލުތަކަށް ދަރިވަރުން ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ މިހާރު ފޯމްލާފައިވާ ބެލެނިވެރިންނަށް ޖޫން މަހުގެ ހަވަނަ ދުވަހުން ފެށިގެން ޖަވާބު ދެމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަދު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސުކޫލުތަކުގެ އެޑްމިޝަން ފަށާފައިވާއިރު މިހާތަނަށް ފޯމް ހުށައަޅާފައިވާ ބެލެނިވެރިންނަށް ޖޫން ހަޔަކުން ފެށިގެން ޖަވާބު ދެމުންދާނެ ކަމަށެވެ.

ޔޫކޭޖީ ނިންމާ ގުރޭޑް ކްލާސްތައް ފަށާ ދަރިވަރުންގެ ތެރެއިން މާލެ ސަރަހައްދުގެ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އެ ދަރިވަރުން ކިޔަވަން ބޭނުންވާ ތިން ސުކޫލެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ދެއެވެ. ނަމަވެސް އެ ސުކޫލުތަކުން ފުރުސަތު ދޭނީ ޖާގަ އޮތް މިންވަރަކުންނެވެ. ގުރޭޑް އެކަކަށްދާ ދަރިވަރުން ކިޔަވާނެ ސުކޫލު ކަނޑައަޅާ އަންގަނީ އެޑިއުކޭޝަން މިނިސްޓްރީން އެވެ. ނަމަވެސް އެ މިނިސްޓްރީން ބެލެނިވެރިން ލައްވާ ފުރުވާ ފޯމްގައި ސުކޫލުތަކެއް އިހުތިޔާރު ކުރުމުގެ އިތުުރުން އާއިލާގެ އެހެން ދަަރިވަރުން ކިޔަވަންދާ ސުކޫލާއި އަދި ދިރިއުޅޭ ސަރަހައްދުގެ މައުލޫމާތު ހޯދައެވެ. އެއީ ބެލެނިވެރިންނަށް ފަސޭހަވާނެހެން ސުކޫލެއް ހަމަޖެއްސުމަށެވެ.

މީގެ އިތުރުން އަތޮޅުތަކުން މާލެ ބަދަލުވާ ދަރިވަރުންވެސް މާލޭ ސުކޫލުތަކަށް ވަނުމަށް ފުރުސަތު ދެއެވެ.

ރިޕޯޓްފޮތާއެކު އާ އަހަރުގެ ފޮތްތައް

ދިރާސީ އަހަރުގެ ކިޔެވުން ނިމި ރިޕޯޓް ފޮތް ދޭ ދުވަހު ދަރިވަރިންނަށް އާ އަހަރުގެ ފޮތްތައް ލިބޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބެލެނިވެރިންނާއި ދަރިވަރުންނަށް ފަސޭހަ ކޮށް ދިނުމުގެ ގޮތުން 2017 ވަނަ އަހަރުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން ދަނީ އެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް އާ އަހަރަށް ބޭނުންވާ ފޮތްތައް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސަމުންދާ ކަމަށެވެ. އަދު މަސައްކަތް ކުރަނީ ސުކޫލު ނިމޭ ދުވަހު ހުރިހާ ދަރިވަރުންނަށް ފޮތްތައް ލިބޭނެ ގޮތް ހެދުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ބުކް ޑިސްޓިބިއުޝަން ފައްޓައިފިން. އަޅުގަނޑުމެންގެ އުންމީދަކީ ސުކޫލު ނިމޭ ދުވަސް އެއީ ދަރިވަރުންނަށް ހުރިހާ ފޮތްތަކެއް ލިބޭނެ ދުވަހަށްވާނެ ކަމަށް. އެހެންވީމަ ހުރިހާ ރަށްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.