ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދެވޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އެ އޮފީހުން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށެވެ.
ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަކީ ވެސް މި އިސްލާހުގެ ބޭނުމެކެވެ.
ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުންނަށް ހިންގަންޖެހޭ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމާ ގުޅޭގޮތުން ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު އެފަދަ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުން ހިމެނެ އެވެ. އަދި ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ މީހުން އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ވަނީ ބިލްގައި ބަޔާންކޮށް ދީފަ އެވެ.
ހަނގުރާމައަށް ދިއުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންނާ މެދު އަމަލުކުރާ އިޖުރާއަތުތަކަށް ގާނޫނުގައި ގެންނަ މައިގަނޑު ބަދަލަކީ އެފަދަ މީހުންގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމެވެ. އަދި އެނޫން މީހުންނަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި މީހެއް ކަމަށް ނުވިނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމުގައި ބަލައި އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރިހިބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުންވެސް ހިމެނެ އެވެ.
ތިންވަނައަށް ގެނެވޭ އިސްލާހަކީ މޮނިޓާކޮށް ކޮންޓްރޯލް ކުރުމުގެ އަމުރެއް ތަންފީޒު ކުރަމުންދާ މީހުންނާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަހުގީގު މަރުހަލާގައި ބަންދުގައިވާ މީހުންނާއި ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ގާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން މުޖުތަމައަށް އަނބުރާ ރުޖޫއަ ވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި އެ ގާނޫނަށް ގެނެވޭ އިސްލާހުތަކެކެވެ.
ޓެރަރިޒަމް މަނާކުރުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަަޅާފައިވާ ކަން އޭޖީ އޮފީހުން ހާމަކޮށްފައި މިވަނީ މިކަމާ ގުޅުންހުރި ސުވާލުތަކެއް އެޓާނީ ޖެނަރަލާ ކުރެއްވުމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.