ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމާއި ދެކޮޅު ހައްދަވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅަނީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ. އެ އޮފީހުން އާދިއްތަ ދުވަހު ވަނީ އެ ބިލް ރައީސް އޮފީހަށް ފޮނުވާފަ އެވެ.
މި ބިލްގައި ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމާ ގުޅޭ ގޮތުން ހުށަހަޅާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބި ދިނުމާއެކު އެފަދަ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފު ކޮށްދީފައި ވެއެވެ.
އަދި ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ މީހުން އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ އެތަން ބަލައި ފާސް ކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތައް ވެސް ބަޔާންކޮށް ދީފައި ވެއެވެ.
އަލީ ހުސައިން ވިދާޅުވީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ބަންދު ކުރި ނަމަވެސް 24 ގަޑިއިރުތެރޭގައި ބަންދާމެދު ގޮތް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގެ ސައްހަ ނައްސުން ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާ އަސާސީ ހައްގުތައް ހިތުހުރި ގޮތަކަށް ހަނި ނުކުރެވޭނެ ކަމަށެވެ.
އަލީ ހުސައިންގެ ވިސްނުމާއި ތަފާތު ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ފުލުހުންނަށް އެ ބާރު ދެވިދާނެ ކަމަށާ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ބައެއް ހާލަތްތަކުގައި އަސާސީ ހައްގުތައް ހަނި ކުރެވިދާނެ ކަމަށް ވިދާޅުވަމުންނެވެ.
އަލީ ވިދާޅުވީ ވަކި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ ބަޔަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަހައްޓާނަމަ އެއީ ހައްގެއް ހަނިކުރުން ނޫން ކަމަށާ އެއީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ.
"މި ހާލަތުގައި މި ކުރެވޭ ކަމަކީ ހައްގެއް ހަނި ކުރުމެއް ނޫން. އެ ކުރެވޭ ކަމަކީ ހައްގެއް ނިގުޅައިގަތުން،"
އަލީ ހުސައިން ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު 24 ގަޑިއިރުތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދަށް މުއްދަތު ޖެހުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާ އަދި އެއީ ނުކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ. އެހެން ކަމުން ގާނޫނު އަސާސީން ސާފުކޮށް ކަށަވަރު ކޮށްދީފައިވާ ހައްގެއް އަތުލުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.
"އަޅުގަނޑު މި އިސްލާހާ ފާޅުގައި ދެކޮޅު ހަދަން. މިކަން މިއީ މިގޮތަށް ކުރެވޭނެ ކަމެއް ނޫން،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭޖީ އޮފީހުން ބުނީ ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށް ފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަކީ ވެސް މި އިސްލާހުގެ ބޭނުމެއް ކަމަށެވެ.
ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުނަށް ހިންގަން ޖެހޭ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހި ކޮށްދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
ހަނގުރާމައަށް ދިއުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންނާ މެދު އަމަލުކުރާ އިޖުރާއަތުތަކަށް ގާނޫނުގައި ގެންނަ މައިގަނޑު ބަދަލަކީ އެފަދަ މީހުންގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމެވެ. އަދި އެނޫން މީހުންނަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި މީހެއް ކަމަށް ނުވި ނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމުގައި ބަލައި އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައި ވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރިހިބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުން ވެސް ހިމެނެ އެވެ.
ތިންވަނައަށް ގެނެވޭ އިސްލާހަކީ މޮނިޓާކޮށް ކޮންޓްރޯލް ކުރުމުގެ އަމުރެއް ތަންފީޒު ކުރަމުންދާ މީހުންނާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަހުގީގު މަރުހަލާގައި ބަންދުގައިވާ މީހުންނާއި ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ގާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން މުޖުތަމައަށް އަނބުރާ ރުޖޫއަ ވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި އެ ގާނޫނަށް ގެނެވޭ އިސްލާހުތަކެކެވެ.