ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

16 ދުވަހަށް ފަހު ކޮވިޑް މަރެއް ނެތް 24 ގަޑިއިރު

ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތާ ސޯޅަ ދުވަސް ފަހުން ކޮވިޑް ބަލީގައި މީހަކު މަރުނުވެ ސައުވީސް ގަޑިއިރު ފާއިތުވެއްޖެ އެވެ. -- އަލްހަމްދުﷲ --

މިދިޔަ 16 ދުވަސްތެރޭ ކޮވިޑްގައި 70 މީހަކު ވަނީ މަރުވެފައެވެ. މި މަހު 85 މީހަކު ކޮވިޑް ޖެހިގެން މަރުވިއެވެ.

ކޮވިޑް ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ އިއްޔެ އިރުއޮއްސި ހައެއް ޖެހިއިރު އެވެ. އެއީ ބ އަތޮޅު ހޮސްޕިޓަލްގައި މަރުވި މީހެކެވެ. މިދިޔަ ސޯޅަ ދުވަހަކީ ރެކޯޑް އަދަދަކަށް ކޮވިޑް ޖެހިގެން މީހުން މަރުވި ދުވަސްތަކަކަށްވީއިރު މި މަހުގެ 25 ވަނަ ދުވަހު 13 މީހަކު ވަނީ މަރުވެފައެވެ.

މިދިޔަ ސޯޅަ ދުވަހު ކޮންމެ ދުވަހަކުވެސް ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް މީހުން މަރުވިއެވެ. 19 ވަނަ ދުވަހު ހަތް މީހުން މަރުވިއެވެ. 

އެންމެ ގިނަ މީހުން މީހުން މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ބައެއް މީހުންނާއި އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައި ކޮވިޑަށް ފަރުވާ ހޯދަމުން އައި ބައެއް މީހުންވެސް ވަނީ މަރުވެފައެވެ.

ކޮވިޑްގައި މިހާތަނަށް ރާއްޖެއިން މަރުވެފައިވަނީ 158 މީހެކެވެ. މިވަގުތުވެސް ވެންޓިލޭޓަރުގައި ފަރުވާ ދޭ މީހުންނާއި އައިސީޔޫގައި ފަރުވާ ދޭ މީހުން އެބަތިއްބެވެ. އުމުރުން ހަތް އަހަރުގެ ކުއްޖަކަށްވެސް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.