ދުނިޔެ

ނަތަންޔާހޫގެ ޒަމާން ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފި

އިޒްރޭލުގައި އިދިކޮޅު ޕާޓީތައް އެކުވެގެން ސަރުކާރެއް އެކުލަވާލަނީ އެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަޣުލަބިއްޔަތު އިދިކޮޅަށް ލިބިއްޖެ ނަމަ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެ އެވެ.

އިދިކޮޅު ލީޑަރު ޔައީރު ލަޕީދުއަށް ސަރުކާރެއް އެކުލަވާލަން ފުރުސަތު ލިބިވަޑައިގަތީ އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ރައީސް ރޫވެން ރިވްލިން ދެއްވި 28 ދުވަސް ފާއިތުވި އިރު ވެސް ސަރުކާރެއް އެކުލަވާލެވިފައި ނުވާތީ އެވެ.

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔައީރު ލަޕީދުއާ ގުޅިވަޑައިގެން ކޯލިޝަން ޝަރުކާރެއް އެކުލަވައިލަން ޔަމީނާ ޕާޓީގެ ލީޑަރު ނަފްތަލީ ބެނެޓްގެ ކޯލިޝަނުން މިހާރު ވަނީ ނިންމާފަ އެވެ. މިއީ ސަރުކާރެއް އެކުލަވައިލުމަށް އިދިކޮޅަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.

ނަފްތަލީ ބެނެޓްއާ ހަވާލާދީ ޚަބަރު ނޫސްތަކުން ބުނާ ގޮތުން އިދިކޮޅު ލީޑަރު ޔައީރު ލަޕިދުއާ ގުޅިވަޑައިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް އޭނާއަށް ކުރެވެން ހުރިހާ ކަމެއް ކުރައްވާނެ އެވެ. އޭނާ އަދި ވިދާޅުވީ ނަތަންޔާހޫއާ ގުޅިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

އިޒްރޭލުގައި މާޗް 23 ގައި އޮތް އާންމު އިންތިހާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކޯލިޝަން ނުހަދައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްއިން ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ސަރުކާރެއް އެކުލަވާލެވެނީ ކްނެސެޓްގައި ހިމެނޭ 120 ގޮނޑިއަށް ވާދަކޮށް އަޣުލަބިއްޔަތުންނެވެ. އެއީ 61 ގޮނޑި އެވެ. އެހެން ނަމަވެސް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. އަނެއްކޮޅުން ސަރުކާރެއް އެކުލަވާލެއްވުމަށް ނަތަންޔާހޫއަށް ދެއްވި ފުރުސަތުގައި އެކަށީގެންވާ ވަރަށް ބައިވެރިން ލިބިވަޑައިގެންފައެއް ވެސް ނުވެ އެވެ.