ސޮނީ ޓީވީގެ މަޝްހޫރު މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް" ގެ މިހާރު ދައްކަމުންދާ 12 ވަނަ ސީޒަނަށް އަށް ލަވަކިޔުންތެރިޔާ ސުނިދީ ޗައުހާން ވެސް ފާޑު ކިޔައިފި އެވެ. ސުނީދީ އަކީ "އިންޑިއަން އައިޑޮލް" ގެ ދެ ސީޒަނެއްގެ ފަނޑިޔާރުކަން ވެސް ކޮށްފައިވާ ލަވަކިޔުންތެރިއެކެވެ.
މި ޝޯ އަށް މިހާރު ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތަކީ ކޮބައިތޯ އީ ޓައިމްސް އިން ސުވާލު ކުރުމުން ސުނީދީ އޭނާ ކައިރީގައި ވެސް ޝޯގެ ބައިވެރިންނަށް ތައުރީފު ކުރަން ޝޯ އިންތިޒާމްކުރާ ފަރާތުން ބުނެފައިވާ ކަމަށެވެ.
އިންޑިއަން އައިޑޮލްގެ ފަސް ވަނަ އަދި ހަ ވަނަ ސީޒަނުގައި ޖަޖުކަންކުރި ސުނީދީ ބުނީ ރިއަލިޓީ ޝޯތަކުގެ ފަނޑިޔާރުކަން ކުރުން އޭނާ ހުއްޓާލީ އެ ސަބަބާ ހުރެ އެވެ.
"އެމީހުން ބުނާހާ ގޮތެއް އަހަންނަކަށް ނުހެދޭނެ. އެހެންވެ އަހަރެން އެ ފަދަ ޝޯތަކަށް ޖަޖެއްގެ ގޮތުގައި ނުދާން ފެށީ. މިއަދު އަހަރެން އެއްވެސް ރިއަލިޓީ ޝޯއެއްގެ ޖަޖެއްގެ ގޮތުގައި ނުފެންނަނީ އެ ސަބަބާ ހުރެ،" ސުނީދީ ބުންޏެވެ.
މިހާރު ކުރިޔަށްދާ އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަނުގެ ޖަޖުން ކަމަށްވާ މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމްޔާ އާއި ވިޝާލް ދަދްލާނީ އަދި ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ވެސް ޝޯގެ ބައިވެރިންނަށް އެއްގޮތަކަށް ވެސް ފާޑުކިޔައި އެމީހުންނަށް ނުބައިކޮށް ކިޔޭ ތަންތަންކޮޅު ރަނގަޅު ކޮށްދޭތަނެއް ނުފެނެ އެވެ. އެހެންވެ ސުނީދީ ބުނާ އެއްޗަކާ މިހާރުގެ ޖަޖުންގެ އަމަލުތައް ހުންނަ ގޮތާ ވަރަށް ދިމާވެ އެވެ.
ސުނީދީ ބުނި ގޮތުގައި އެގޮތަށް ޝޯގެ ބައިވެރިންނަށް ތައުރީފު ކުރަން ޝޯ އިންތިޒާމްކުރާ ފަރާތުން ބުނަނީ މިފަދަ ޝޯތަކުގެ ވާދަވެރިކަން އިންތިހާއަށް ގޮސްފައިވާތީ އެވެ.
"އެއީ ބެލުންތެރިންގެ ސަމާލުކަން ހޯދަން ކުރާ ކަމެއް. ބެލުންތެރިން ފޫހި ނުވެ ޝޯ ބަލާނީ އެގޮތަށް ކަންތައް ކުރީމަ ކަމަށް ވާތީ އެހެން ހަދާށޭ އެ ބުނަނީ،" ސުނީދީ ބުންޏެވެ.
މިހާރު އިންޑިއާގެ ޗެނަލްތަކުން ދައްކާ ހުރިހާ ރިއަލިޓީ ޝޯތަކެއްގައި ވެސް ކަންތައްތައް ވަނީ ހަމަ މިފަދަ ގޮތަކަށް ކަމަށް ސުނީދީ ބުންޏެވެ.
ސުނީދީ ދެކޭ ގޮތުގައި މިގޮތަށް އަބަދު މީހުން ލައްވާ ތައުރީފުކުރުމުން އޭގެ ގެއްލުން ވާނީ އެ ލަވަކިޔުންތެރިޔަކަށް ނުވަތަ އާޓިސްޓަކަށެވެ. އެމީހުންނަށް އެމީހުންގެ ފެންވަރު އޮޅި ކުރިޔަށްދާން ނުވަތަ އިތުރަށް މޮޅުވާން މަސައްކަތްކުރުމުގެ ރޫހު ގެއްލޭ ކަމަށް ސުނީދީ ބުންޏެވެ.
"ޝޯ ހިނގަމުންދާއިރު އެމީހުންގެ މަގްބޫލުކަން ވަރަށް ބޮޑުވޭ. ނަމަވެސް ޝޯ ނިމޭތާ ދުވަސްކޮޅެއް ފަހުން އެމީހުން މުޅިން މީހުންގެ ހަނދާނުން ފޮހެވިގެންދޭ. އެހެންވަނީ ޝޯ ނިމުމަށްފަހު އެކަށީގެންވާ މަސައްކަތެއް އެމީހުންނަށް ނުކުރެވޭތީ،" ސުނީދީ ބުންޏެވެ.
ސުނީދީ ބުނި ގޮތުގައި "އިންޑިއަން އައިޑަލް"ގެ ދެ ސީޒަނަކާއި "ދިލް ހޭ ހިންދުސްތާނީ" އަދި "ދަ ވޮއިސް" ފަދަ މިއުޒިކް ރިއަލިޓީ ޝޯތަކުގައި އޭނާ ޖަޖުކަން ކުރި އެވެ. އެ ދުވަސްވަރު މިހާރު ވަރަށް ބައިވެރިންނަށް ތައުރީފުކުރަން ޝޯ އިންތިޒާމްކުރާ ފަރާތުން ނުބުނެ އެވެ. ނަމަވެސް މިހާރު އެކަން މާބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ ހިތުގައިވާ އެއްޗެއް ބުނުމުގެ ހައްގު ލިބޭ ދުވަހަކުން އަހަރެން ވެސް އެފަދަ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި ފެނިދާނެ،" ސުނީދީ ބުންޏެވެ.
އިންޑިއަން އައިޑަލް 12 އަށް ފާޅުގައި ގިނަ ބަޔަކު ފާޑުކިޔަން ފެށީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ދޮށީ ދަރިފުޅު އަމިތު ކުމާރު ޝޯގައި ބައިވެރިވުމަށްފަހު އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ދެއްކި ވާހަކަ ތަކަކާ ގުޅިގެންނެވެ.
އަމިތު ބުނީ ޝޯގެ ބައިވެރިން ހުތުރުކޮށް ލަވަކިޔަސް އެވާހަކަ ނުބުނެ އެމީހުންނަށް ހިތްވަރުދީ ތައުރީފުކުރަން ޝޯ އިންތިޒާމްކުރާ ފަރާތުން އަންގާ ކަމަށެވެ. އަދި އޭނާ ޝޯގައި ބައިވެރިވެ އެގޮތަށް ކަންތައްކުރީ ފައިސާގެ ބޭނުމުގައި ކަމަށެވެ.
އަމިތުގެ މި ވާހަކަ ތަކާ ގުޅިގެން މި ޝޯގެ ސައްހަ ކަމާ މެދު ގިނަބަޔަކު ސުވާލު އުފައްދަން ފެށުމުން ޝޯއަށް ލިބެމުންދާ ގެއްލުން ކުޑަކުރަން ސޮނީން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުޅަދާނަ މޮޅު ލަވަކިޔުންތެރިންނާއި މިއުޒީޝަނުން ޝޯގައި ބައިވެރިކޮށް އެމީހުން ލައްވާ ޝޯގެ ބައިވެރިންނަށް ތައުރީފު ކުރުވައި އަދި އެމީހުން އެކަން ކުރަނީ ފައިސާއަށް ނޫންކަމަށާއި ހެޔޮ ނިޔަތުގައި ހެޔޮ ހިތުން ކަމަށް އެމީހުން ލައްވާ ދަނީ ބުނުވަމުންނެވެ.