(28 މެއި 2021އާ ގުޅޭ)
"މަންމާ.." މަލާކުގެ މޫނުމަތިން ފައުޅުވެގެން ދިޔައީ ލަދުރަކި ކަމުގެ ސާލެކެވެ. އިސްދަށަށް ޖެހި ބޯ، އިތުރަށް ލަނބައި ލަމުން، މަލާކު ވަރަށް ލަދުން ހީނލިއެވެ.
"އަސްތާ! އަހަރެންގެ މަލްއަށް ހަމަ ރަނގަޅަށް ވެސް މީހެއް ދެކެ ލޯބި ވެވުނީތާ. އާނ! މީހުން ބުނޭ މައިން ގާތު ލޯބި ވެވިގެން އުޅޭ ވާހަކަ ބުނަން ދަރިން އުޅޭނީ ތިހެނޭ. މިއަދު މަންމަ އަށް މި އޮތީ އެ މަންޒަރު ހަމަ ލޮލުން ހެކިކޮށް ދީފަތާ! ހެހެ." ވާހިދާ ހިނިތުން ވުމަކާ އެކު، ސަމާސާގެ ރާގެއްގައި ބުނެލިއެވެ. ޖަވާބުގައި ވެސް މަލާކު ހީނލަން ހަމަ އިނީއެވެ.
"ދެން ބުނެބަލަ ދަރިފުޅާ! މިހާރު މަންމަގެ ކެތްތެރިކަން ކޮޅުންލާ ގާތްވެއްޖެ. މަންމަ ވެސް މީނީ ދަރިފުޅު ތިޔަ ޚިޔާރު ކުރި ކުއްޖަކީ ކާކުކަން އިނގެން ހާދަ ބޭނުން ވެފައޭ." ވާހިދާ ގެންދިޔައީ ހުއްޓައި ނުލައި ވާހަކަދައްކަމުންނެވެ.
"މަންމާ.. އެއީ. އެއީ.." އަނެއްކާ ވެސް މަލާކުގެ މޫނުމަތިން "ބްލަޝް"ކަން ފެތުރިގެން ދިޔައެވެ. ހިތް އަވަސް ވެފައިވާ ވާހިދާ އަށް ޖެހުނީ މަޑު ކުރާާށެވެ.
***
އޭޑީކޭގެ އައިސީޔޫގައި ޖަންނަތަށް ގެންދިޔައީ އަވަސް ފަރުވާ ދެމުންނެވެ. ރަޝީދާ އާއި ލަބީބު މާލެ އައި ޚަބަރާ އެކު، އައިޝާ ވެސް އަވަސް ވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. ދުންޔާގެ ގާތުގައި ލައިބާއަށް ހުރެވޭނެ ގޮތް ހަމަޖެއްސުމަށްފަހު، އައިޝާ ވެސް ގިނަ ވަގުތުތައް ހޭދަ ކުރީ ހޮސްޕިޓަލްގައެވެ. އައިޝާގެ ގާތުގައި ނާއިކު ވެސް އިނެވެ.
"އަހަރެންނަށް ނުވިސްނޭ ޖަނާ އެހެން ހަދަންވީ ސަބަބެއް. ބޭސް ކައިގެން ދަރިއަށް ގެއްލުމެއް ދޭންވީ ސަބަބެއް، އަހަރެން ވިސްނާ ވިސްނާ، ހަމަ ނުވިސްނޭ." ލަބީބުގެ އަރު ތެރެއިން ބަސްތައް ނުކުތީ ވަރަށް އުނދަގުލުންނެވެ. ޖަންނަތު ބޭނުން ކޮށްފައިވާ ބޭހުގެ ތަފުސީލުތައް ޑޮކްޓަރުންގެ ޓީމުން ވަނީ ލަބީބަށް ސާފު ކޮށްދީފައެވެ. އަދި އެ ބޭސް ތަކުގެ ސަބަބުން އެމީހުންނަށް ލިބެން އުޅޭ ދަރިފުޅުގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.
"ކޮންމެވެސް ސަބަބެއް އޮންނާނެ ދޯ؟ ދައްތަ ހަމަ ހުރެފަ އެއް ތި ވަރުގެ ކަމެއް ކުރާނޭ އަހަރެންގެ ޟަމީރު ޤަބޫލެއް ނުކުރޭ." އައިޝާ އެހެން ބުނެލަމުން ބަލައިލީ އެތަނުގައި ތިބި މީހުންނަށެވެ. ނާއިކު މަޑުމަޑުން ބޯ ޖަހައިލި އިރު، ރަޝީދާ އެއްވެސް އެއްޗެއް ނުބުނެ ހަމަ ހުރީއެވެ. އެވަގުތު ވެސް ރަޝީދާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ.
***
"ދަރިފުޅާ މަލް! މަންމަ އެބަ އިނީ މޭ. ކިޔާ ބަލަ! ތިހެން ލަދު މަލެއް ހެން މޯޅި ވެފަ، ކަރު އޮނބައިލައިގެން އިނަސް ނުވާނޭ. ހެހެ. ދެން ވެސް ލަސްނުކޮށް ބުނެބަލަ މަންމަ ގާތުގަ." ވާހިދާ ހިފައިލީ މަލާކުގެ އަތުގައެވެ. މަލާކުގެ އަތުގައި ވީ ފިނިކަން ވާހިދާއަށް ވަގުތުން އިޙްސާސްވިއެވެ.
"މަންމާ. މަންމައަށް އެނގޭނެ." މަލާކު އެހެން ބުނެލުމަށްފަހު، އިސް ނަގައިލީ ވަރަށް ބޮޑަށް ޖެހިލުންވެގެން އިނދެއެވެ. އޭނާގެ މަންމައަށް އެ ނަން އިވިފައި، ވާނީ ކިހިނެއްކަން ނޭނގޭ ޙާލުގައެވެ.
"މިހާރު މަންމަ ވަރަށް ބޮޑަށް ހާސްވެއްޖެ! ދަރިފުޅު މަންމަ ހާދަ ތަޅުވައިފިއޭ! ދެން ނުވާނެ ކެތެއް. މި ހީވަނީ ބޮޑު ފިލްމެއްހެން. ދެން ބުނޭ!" ވާހިދާ އޭނާގެ ކަޅި އަމާޒު ކޮށްލީ ސީދާ މަލާކުގެ ދެލޮލަށެވެ.
"ނާއިކު." މަލާކުގެ ދުލުން ބޭރުވި ނަމާ އެކު، ވާހިދާއަށް ހީވީ އޭނާގެ ބޯ މައްޗަށް ގޭގެ ސީލިންގ ވެއްޓިގެން ދިޔަހެންނެވެ. ކުއްލިއަށް ވާހިދާއަށް ކޮޅަށް ތެދުވެވުނެވެ. އަނގަ ތަންމިނަށް ހުޅުވި، ވާހިދާ ހުއްޓުން އެރިއެވެ.
"މަންމާ. ކިހިނެއްވީ؟" ނާއިކުގެ ނަން އިވުމާ އެކު، ވާހިދާ އަށް ވީ ގޮތުން މަލާކަށް ލިބިގެން ދިޔައީ ހައިރާން ކަމެކެވެ. ވާހިދާގެ ނޭވާ އަވަސްވެ، މުޅި މީހާގެ ގަޔަށް އަރައިގަތީ ބޮޑު ހޫނެކެވެ.
"ދަރިފުޅާ! ނާއިކަކީ މީހެއްގެ ފިރިއެއްނު؟ ދަރިއެއް ވެސް ހުންނާނެ. އެކަން ދަރިފުޅަށް އެބަ އިނގޭތަ؟" ވާހިދާ ވަގުތުކޮޅަކު ހިމޭން ވުމަށްފަހު، ވަރަށް އުނދަގުލުން އަހައިލިއެވެ. މަލާކުގެ ފަރާތުން ވާހިދާއަށް ލިބުނީ އޭނާ އުއްމީދު ކޮށްގެން ހުރި ކަހަލަ ޖަވާބެއް ނޫނެވެ. ފިރިއެއް ކަން އެނގޭ ކަމަށާއި، ނާއިކު ލޯބި ވަނީ މަލާކު ދެކެ ކަމަށް ބުނެ، މަލާކު ދިން ޖަވާބުން ވާހިދާ އަށް ލިބިގެން ދިޔައީ އިތުރު ބޮޑު ހައިރާން ކަމެކެވެ. ދެކޮޅު ހަދަންވީ ކަމެއް، ނޫނީ އެކަމާ ޤަބޫލު ވާނީ ކަމެއް ނޭނގި ވާހިދާ ބަސް ހުއްޓުނެވެ. އަނެއްކޮޅުން ވާހިދާ ނުހުޅުވައި އޮތީ، އޭނާގެ ސިއްރު ލޯބީގެ ފޮތެވެ. އެ ފޮތުގެ ޞަފުހާ ތަކުގައި ވެސް ވަނީ ހަމަ ނާއިކުގެ ނަމެވެ. އެހެންކަމުން ވާހިދާގެ ދަރިފުޅު ނާއިކު ފަދަ މީހަކަށްޓަކައި، ލޯބީގައި ޤަތުލުވާކަށް ހަމަ ހިލާ ވާހިދާ ނޭދެއެެވެ.
"ތިކަމާ ވިސްނާނީ"އޭ ބުނެ ވާހިދާ އޭނާގެ ކޮޓަރިއަށް ވަނީ ގަދަ ކަމުން ހީނލައިގެން ހުރެގެންނެވެ. އެ ހިނިތުން ވުމުގެ ފަހަތުގައި ވަނީ ބުނެދޭން ނޭނގޭ ބޮޑު ތުރާލަކާއި، އުނދަގޫ ކަމެވެ. މަންމަގެ ސިއްރު ލޯބިވެރިޔާ، ދަރިފުޅުގެ ލޯބިވެރިޔާގެ ގޮތުގައި ތަޢާރަފު ވެގެން ދާ އަޑު އަހަން ފަސޭހަ ވާނީ ކާކަށް ހެއްޔެވެ؟
ފަތިސް ވެގެން އައި އިރު ވެސް، އައިޝާ އިނީ ހޮސްޕިޓަލް ގައެވެ. އައިޝާއާ އެކު އިން ނާއިކުގެ ގާތުގައި ދޭތެރެ ދޭތެރެއިން އައިޝާ ގެން ދިޔައީ ގެއަށް ދިޔުމަށް އެދެމުންނެވެ. ނާއިކުގެ ޑިއުޓީ ހެނދުނުގައި އޮތުމާ އެކުގައި ވެސް މެއެވެ. ނަމަވެސް އައިޝާގެ ގާތުގައި ނާއިކު ގެންދިޔައީ މަޑު ކުރަމުންނެވެ. ކުއްލިއަކަށް ހުރެފައި ނާއިކުގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ހަމަ އެއްކަލަ ނުދަންނަ ނަމްބަރުންނެވެ. ދެފަރާތަށް ބަލައިލުމަށްފަހު، ނާއިކު ފޯނަށް ޖަވާބު ދިނެވެ. އެއީ ފޯނަށް ޖަވާބު ނުދީފި ނަމަ، އެ މީހާގެ ކޯލްތައް އިތުރުވާނެ ކަން އެނގޭތީއެވެ.
"ހަލޯ މިނިސްޓަރު.." އެކޮޅުން އައީ ފިރިހެން އަޑެކެވެ. ނާއިކު މަޑުމަޑުން ބުނެލީ "ހަލޯ" އެވެ.
"އަހަރެން އަތުގަ އެބައިން މިނިސްޓަރުގެ ވީޑިއޯއެއް. މިނިސްޓަރ ވާހިދާއާ އެކު.." ފޯނުގެ ތެރެއިން އިވިގެން ދިޔަ ބަސްތަކާ އެކު ނާއިކުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ބަސްތައް ހީވީ ނާއިކުގެ ކަންފަތުގެ ހިނދުރި ފޫއަޅުވައިލި ހެންނެވެ. (ނުނިމޭ)