އެމްޓީސީސީ

އެމްޓީސީސީގެ އޭޖީއެމް ފަސްކޮށްފި

May 31, 2021

އެމްޓީސީސީން މި މަހު ބާއްވަން މަސައްކަތް ކުރަމުން އައި އަހަރީ އާންމު ޖަލްސާ މި މަހު ނުބޭއްވޭނެ ކަމަށް އިއުލާންކޮށް ޖަލްސާ އަންނަ މަހަށް ފަސްކޮށްފި އެވެ.

އެމްޓީސީސީގެ ޖަލްސާ ޖޫނަށް ފަސްކުރީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހުއްދައާއެކު އެވެ.

ސީއެމްޑީއޭގެ ގަވައިދުތައް ބުނާ ގޮތުން ހިއްސާ ވިއްކާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ މެއި 31 ވަނަ ދުވަހުގެ ކުރިން އެ ކުންފުންޏެއްގެ ކުރީ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ނިންމަން ޖެހެ އެވެ.

ޖޫން މަހު ޖަލްސާ ބާއްވާނެ ކަމަށް އިއުލާން ކޮށްފައިވީ ނަމަވެސް ޖަލްސާ ބާއްވާނެ ސީދާ ތާރީހެއް އެމްޓީސީސީން އަދި ބުނެފައެއް ނުވެ އެވެ. އެކުންފުނިން ބުނީ ޖަލްސާ ފަސްކުރަން ނިންމީ މި މަހު ބޭއްވި ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ނުވަތަ އެކްސްޓްރާ އޯޑިނަރީ އޭޖީއެމްގައި ކަމަށެވެ.

އެކްސްޓްރާ އޯޑިނަރީ ޖަލްސާގައި ވަނީ ޔައުމިއްޔާ އާއި އެމްޓީސީސީގެ ހިންގާ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް ފާސްކޮށްފަ އެވެ. މީގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން ގެނެސްފައިވާ ބައެއް އިސްލާހުތަކާއި ކުންފުނީގެ ޑިރެކްޓަރުންގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅި އިސްލާހެއް ހިމެނެ އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އަށް ތައްޔާރުވަމުންދާ އިރު މިދިޔަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑް އަދަދެއްގެ ފައިދާ ހޯދާފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު 1.3 ބިލިއަން ރުފިޔާގެ ތެރެއިން ފައިދާގެ ގޮތުގައި ލިބުނު 224.7 މިލިއަން ރުފިޔާ އިން ހިއްސާ އަކަށް ތިން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ބޯޑުން ނިންމާފައިވެ އެވެ.