ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

38 ޕަސެންޓް ރަށުގައި ކޮވިޑް

ވެރިރަށް މާލެ ފިޔަވައި މީހުން ދިރިއުޅޭ އަތޮޅުތަކުގެ 38 ޕަސެންޓް ރަށަށް ވަނީ ކޮވިޑް-19 ފެތުރިފަ އެވެ. މީހުން ދިރިއުޅޭ 189 ރަށް އޮންނައިރު 73 ރަށް އޮތީ އެޗްޕީއޭ އިން ބަލަން ޖެހޭ ކަންކަން ބެލުމަށް ބަންދު ކޮށްފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެންމެ ގިނަ ދުވަހު މޮނީޓަރިންގައި އޮތީ ޅ. ނައިފަރެވެ. އެ ރަށަކީ އަތޮޅުތަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި އަދި ކޮވިޑް ހާލަތު ގޯސް އެއް ރަށެވެ. މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ބަންދުކޮށްފައިވާ އެރަށުން މިހާތަނަށް 894 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. މިވަގުތު އެރަށުގައި ބަލި ޖެހިފައި ތިބީ 55 މީހަކަށެވެ.

އޭޕްރީލް މަހު ބަންދުކުރި 13 ރަށެއްގައި ވެސް އަދިވެސް އަންނަނީ ކޮވިޑް ފެތުރެމުންނެވެ. އެއީ އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. މާފުށި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ އަދި އއ. ރަސްދޫ އެވެ.

މިވަގުތު ބަންދުކޮށްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ރަށް މޮނީޓަރިންނަށް ލާފައި ވަނީ މިމަހު އެވެ. އެގޮތުން 59 ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އެއީ އައްޑޫ ސިޓީ، ހއ. ދިއްދޫ، ފ. ފީއަލި، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، ލ. މާވަށް، ފުވައްމުލައް ސިޓީ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މާހިބަދޫ، އއ. ފެރިދޫ، ށ. ކަޑިތީމު، ށ. ގޮއިދޫ، ދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ. ބަނޑިދޫ، ނ. ކެނދިކުޅުދޫ، ތ. ގުރައިދޫ، ދ. ހުޅުދެލި، ވ، ކެޔޮދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ލ. ކަލައިދޫ، އއ. ބޮޑުފޮޅުދޫ، މ. މިލަދޫ، ނ. މާޅެންދޫ، ކ. ދިއްފުށި، ލ. މާމެންދޫ، ގދ. ވާދޫ، ބ. ދަރަވަންދޫ، ހއ. މުރައިދޫ، ކ. ގާފަރު، ނ. ލަންދޫ، ފ. ބިލެތްދޫ، ޅ. އޮޅުވެލިފުށި، ށ. މިލަންދޫ، މ. މުލި، ތ. ހިރިލަންދޫ، ރ. ރަސްމާދޫ، ތ. ކިނބިދޫ، މ. މުލަށް، ލ. ހިތަދޫ، ތ. ބުރުނި، ހދ. ނޭކުރަންދޫ، ރ. އަލިފުށި، އދ. އޮމަދޫ، އއ. ތޮއްޑޫ، ރ. ދުވާފަރު، މ. ވޭވަށް، ކ. ހުރާ، ނ. ވެލިދޫ، ބ. ކެންދޫ އަދި ގދ. ފަރެސްމާތޮޑާ އެވެ.

ބަންދުކޮށްފައިވާ ހުރިހާ ރަށެއްގައި މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ހާލަތު ގޯސް ރަށްރަށުގައި އަންނަނީ މާލެ ފަދައިން 12 ގަޑިއިރު ކާފިއު ހިންގަމުންނެވެ.

މި މަހަކީ ކޮވިޑްގެ ހާލަތު މިހާތަނަށް އެންމެ ގޯސްވި މަހެވެ. މިމަހު ކޮވިޑް ނަންބަރުތައް ވަނީ ހާހުން މައްޗަށް އަރާފަ އެވެ. މިމަހު ކޮވިޑް ޖެހެގެން 86 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. އިއްޔެ ފިޔަވައި މިދިޔަ 16 ދުވަހު ކޮންމެ ދުވަހަކުވެސް ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް މީހުން މަރުވިއެވެ. 19 ވަނަ ދުވަހު ހަތް މީހުން މަރުވިއެވެ. 25 ވަނަ ދުވަހު 13 މީހުން މަރުވި އެވެ.

ރާއްޖެއިން އިއްޔެ ބައްޔަށް 780 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ޖުމްލަ ބަލި ޖެހުނު މީހުންގެ ނަންބަރު ވަނީ 63،686 އަށް އަރާފަ އެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 571 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 205 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް ހަތަރު މީހަކު ޕޮޒިޓިވްވެފައިވެ އެވެ.