އެސްޓީއޯ

އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި

ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 60 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

"ފައި ވޯޓް" ޕޯޓަލް މެދުވެރިކޮށް އެސްޓީއޯއިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާއަށް 941،842 ހިއްސާ ތަމްސީލް ކުރާ 682 ހިއްސާދާރުން ބައިވެރިވެފައިވެ އެވެ. މި ޖަލްސާ ފެށިފައިވަނީ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން ހިއްސާގެ އަގު އަދާކޮށްފައިވާ ހިއްސާދާރުން ޖަލްސާ ބޭއްވޭ ވަރަށް ހާޒިރުވުމުންނެވެ. މި ޖަލްސާ އަށް ހިއްސާދާރުންގެ 83.5 ޕަސެންޓް ހާޒިރުވި އެވެ.

އަންނަ އަހަރު އެސްޓީއޯގެ ފަރާތުން އާއްމު ހިއްސާދާރުން ތަމްސީލް ކުރަން ހޮވާފައިވަނީ އައިމިނަތު ރުޝްމާ އެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ނިންމިއިރު، އެ ކުންފުނިން 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 58ރ. އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ ދެ ރުފިޔާގެ އިތުރު ވުމެކެވެ.

އެސްޓީއޯ އިން ހިއްސާ އަކަށް ބަހާ އަދަދު މަތި ކުރީ މިދިޔަ އަހަރު ލިބުނު ފައިދާ ބޮޑުވެގެނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ފައިދާއިން ލިބުނު އެއް ސަބަބަކީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނުގެ ބޮޑުބައެއް އެ ކުންފުނިން ރާއްޖެ ގެނެސްފައި ވާތީ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން 2019 ވަނަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު އުޅެނީ 302 މިލިއަން ރުފިޔާގަ އެވެ. އަދި މި އަދަދު މިދިޔަ އަހަރު ހުރީ 248 މިލިއަން ރުފިޔާގަ އެވެ.