ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވެގެން މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 913 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުންތައް ޗެއާ ކުރައްވާ ރަައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ތަބާނުވާ ބަޔަކު އެބަ ތިބި ކަމަށާ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށެވެ. ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާއިރު ފިޔަވަޅުތަކަށް ތަބާނުވާ މީހުން ގިނަވެއްޖެނަމަ މި ހާލަތުގައި އުޅެން ޖެހޭ ދުވަސްތައް އިތުރުވާނެ ކަމަށެވެ.
މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭ މާސްކު ނާޅައިގެން 208 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ކާފިއު ވަގުތު ބޭރުގައި އުޅެގެން 631 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ހިދުމަތް ދީގެން 74 ތަނަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އޭގެ ތެރޭގައި ކެފޭ އާއި ސެލޫން އަދި ޖިމްތަކާއި ފިހާރަތައް ހިމެނެއެވެ.
މަބުރޫކް ވިދާޅުވީ ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި މަނާ ގަޑީގައި ހިދުމަތް ހޯދި މީހުންވެސް ހިމެނޭ ކަމަށެވެ.
މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަޔަކަށް ބޭރަށް ނިކުމެވޭނީ ފޮލިސް ޕާމިޓް އޮންނަ މީހުންނަށް އެކަންޏެވެ.
މަބުރޫކް ވިދާޅުވީ ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ މަސައްކަތުގައި ޖޫރިމަނާ ކުރެވޭނީ މަދު އަދަދެއްގެ ބައެއް ކަމަށާ ސައުވީސް ގަޑިއިރުތެރޭ 913 މީހަކު ޖޫރިމަނާ ކުރަން ޖެހުމަކީ ފިޔަވަޅުތަކަށް ތަބާވުން ކުޑަ ކަމުގެ ނިޝާނެއް ކަމަށެވެ.
މި ހާލަތުގައި ހިދުމަތްދޭ ތަންތަނުން އަމަލު ކުރަނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަަށްތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއްވެސް ކުރިއަސް ގެންދެއެވެ. މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 142 ތަނެއް ވަނީ ބަލާފައެވެ. އޭގެ ތެރެއިން ފަސް ތަނެއް މިންގަނޑަށް ނުފެތޭތީ ރަނގަޅު ކުރަން ވަނީ އަންގާފައެވެ.