ނަޝީދަށް އަމާޒު ކުރި ހަމަލަ

އިންކުއަރީ ކޮމެޓީގައީ އީވާ އާއި ހިސާން ހިމެނޭތީ ކަންބޮޑުވެއްޖެ

May 31, 2021
6

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރިޗް ގޮތުގެ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީއިން ފަށާފައިވާއިރު އެ ކޮމެޓީގައި ރައީސް ނަޝީދުގެ މަސްލަހަތު ހިމެނޭ ބައެއް މެންބަރުން ތިއްބެވުމަކީ ފުރިހަމަ އިންކުއަރީއެއް ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެންބަރަކު ވިދާޅުވި ގޮތުގައި 241 ކޮމެޓީން ކުރަމުން ގެންދާ ތަހުގީގުގެ ބޭނުމަކީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރިޗްވި ހަގީގީ ސަބަބު ދެނެގަތުމެވެ. އެއީ ވަކި ބަޔަކު ކުށްވެރިކުރަން ނުވަތަ ރައީސް ނަޝީދަށް އެކަށީގެންވާ ސެކިއުރިޓީ ނުދޭކަމަށް ދޭހަވާ މޭރުމުން އެމަނިކުފާނުގެ ވަފާތެރި މެންބަރުން ދައްކަވާ ވާހަކަތައް އިތުރަށް ޔަގީންކޮށްދޭން ހިންގާ ތަހުގީގަކަށް ވެގެން ނުވާނެ ކަމަށެވެ.

ކޮމެޓީގައި މަޖިލީހުގެ ނާއިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އިންނެވުން މަސްލަހަތު ފުށުއަރާ ކަމަށްވެސް އެ މެންބަރު ވިދާޅުވިއެވެ.

"ޓޫފޯވަން ކޮމެޓީގެ އިންކުއަރީ ކުރިއަށްދާއިރު އެ ދެ މެންބަރުން [އީވާ އާއި ހިސާން] ތިއްބެވުން އެއީ މަސްލަހަތު ފުށުއަރާ ކަމެއް. އެެހެންވީމަ ކޮމެޓީގެ މަސައްކަތަށް އިތުބާރު އުފެއްދުމަށްވެސް އެ ދެ މެންބަރުން ކޮމެޓީގެ މަސައްކަތާއި ދުރުގައި ތިއްބެވުން މުހިންމު ކަމަށް އަޅުގަނޑު ދެކެނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އެމްޑީޕީގެ މެންބަރު ވިދާޅުވިއެވެ.

އެހެން މެންބަރަކު ވިދާޅުވި ގޮތުގައި ކޮމެޓީގެ އިކްއަރީ ކުރިއަށްދާއިރު މަސްލަހަތު ފުށުއަރާ މެންބަރުން ތިއްބެވުމަކީ ސަރުކާރުގެވެސް ކަންބޮޑުވުމެކެވެ. އެކަން ސަރުކާރުގެ އެކި ލެވެލްގެ ބޭފުޅުންނާއެކު ކުރެއްވުނު މަޝްވަރާތަކުން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"ކޮމެޓީގެ މަސައްކަތަށް ސަރުކާރުންވެސް ހުރަހެއް ނާޅުއްވާ. ނަމަވެސް ވަކި އަމާޒަކަށް ވަކި ނަތީޖާއެއް ސީދާ ނެރެން ކޮމެޓީން މަސައްކަތް ކޮށްގެން ނުވާނެ. މިއީ ހިނގަމުންދާ ތަހުގީގެއް. އެހެންވީމަ ނަތީޖާ ކޮންމެ ގޮތަކަށްވެސް ނިކުމެދާނެ. ބޭނުންވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރިޗްވި ގޮތް ސާފުކުރުން،" އެ މެންބަރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއް އަދި ނުބުނެއެވެ.

241 ކޮމެޓީގެ މަސައްކަތް ކުރިއަށް ދަނިކޮށް "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ކަމަށް ބުނެ ސިއްރު މައުލޫމާތުތަކެއް މިހާރު ނޫހުގައި ޝާއިއު ކުރި މައްސަލައެއް ވަނީ ހޫނުވެފައެވެ. އަދި އެ މައުލުމާތުތައް ލީކުވި ގޮތް ބަލަން ފަށައި، އެކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ.

ލީކު ކޮށްލި މައުލޫމާތުތައް މިހާރު ނޫހަށް ދިން ފަރާތްތައް ހޯދަންވެސް އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވާފައިވެ އެވެ.

މައުލޫމާތުތައް ލީކުވި މައްސަލާގައި މަސްދަރު ހޯދަން މަސައްކަތް ކުރަމުންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެ މަސްދަރު ނޫސްވެރިޔާގެ ކިބައިން ނުހޯދާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފަ އެވެ