އުރީދޫ މޯލްޑިވްސް އިން އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ޓީޗަރުންނަށާއި ކިޔަވާކުދިންނަށް ހާއްސަ އެޑް އޮން ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.
އުރީދޫ އިން ބުނި ގޮތުގައި އުރީދޫ ސުޕަނެޓް، ފަސޭހަ ހޯމްބްރޯޑްބޭންޑް އަދި މައިފައި ގެންގުޅޭ ފަރާތްތަކަށް އެ އެޑް އޯން ޕެކް ނެގޭނެ އެވެ.
މީގެ އިތުރުން އޮންލައިން ކްލާސްތައް ކުރިއަށްގެންދިއުމަށް، އުރީދޫގެ ފަސޭހަ މައިފައި ޕެކޭޖް އަލަށް ނަގާ ޓީޗަރުންނާއި ބެލެނިވެރިންނަށް މައިފައި ޑިވައިސް ހިލޭ ލިބޭނެ އެވެ.
ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބޭ ހިލޭ ޑޭޓާ ގެ އިތުރުން ޑޭޓާ ނަގަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި އެ އެޑް އޮން ޕެކްސްތައް އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ އުރީދޫ ކުއިކް ޕޭ، އުރީދޫ އެޕް، އަދި ރާސްޓަސް މެދުވެރިކޮށް ނެގޭނެ އެވެ.
އުރީދޫ އިން ތައާރަފް ކުރި އެޑްއޮންތަކުގެ ތެރޭގައި އީޑީޔޫ 7ޖީބީ ހިމެނެ އެވެ. އެ އެޑްއޮން ޕެކް ލިބޭނީ 35ރ އަށެވެ. ދެވަނަ ޕެކޭޖަކީ އީޑީޔޫ 15ޖީބީގެ ޕެކޭޖެވެ. އެއީ 90ރ އަށް ލިބޭ އެޑްއޮން ޕެކް އެކެވެ. ތިން ވަނަ ޕެކޭޖަކަށް އީޑީޔޫ 30ޖީބީގެ ޕެކޭޖެވެ. އެއީ 200ރ އަށް ލިބޭ އެޑްއޮން ޕެކް އެކެވެ.
އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބް ހާން ވިދާޅުވީ ކޯވިޑް 19 އާއި ގުޅުގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހުރިހާ ދާއިރާތަކެއްވެސް ޑިޖިޓަލް ހިދުމަތްތަކަށް ބަރޯސާވާންޖެހިފައިވާއިރު ދަރިވަރުންގެ ކިޔެވުން އޮންލައިން ކޮށްފައިވާތީ ހުރިހާ ދަރިވަރުންނަށް ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބިމުކީ މުހިންމުކަމެއް ކަމުގައި ދެކޭ ކަމަށެވެ. ނަޖީބް ހާން ވިދާޅުވީ އޮންލައިންކޮށް ކިޔެވުމަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދާދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ކިޔެވުމުގެ ކަންކަމަށް ހާއްސަ ކޮށްގެން މިއަދު މި ތައާރަފު ކުރި އެޑްއޮން ޕެކްތައް މެދުވެރިކޮށް ގޫގުލް މީޓް، ގޫގުލް ކްލާސްރޫމް، ގޫގުލް ޑްރައިވް އަދި ފިލާ އަށް ވަދެވޭނެ އެވެ. އެ އެޑް އޮން ޕެކް އެކްޓިވޭޓް ކުރުމަށް ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް ނުވަތަ ފަސޭހަ މައިފައި އެކްޓިވް ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ޕެކޭޖެއް އިންނަންވާނެއެވެ.
ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ސްކޫލްތައް ބަންދުވެ، ގޭގައި ތިބެގެން ކިޔަވައިދިނުން ފެށުނީއްސުރެ، އޮންލައިން ކްލާސްތަކުގައި ބައިވެރިވުމަށް އެހީތެރިވުމުގެ ގޮތުން ދަރިވަރުންނަށާއި ޓީޗަރުންނަށް އުރީދޫ އިން ދަނީ ހިލޭ ޑޭޓާ ފޯރުކޮށްދެމުންނެވެ. ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހާއްސަ ޕްލޭންތަކެއް މިފަހަރު ހަމަޖައްސާފައިވަނީ ގޭގައި ތިބެގެން ކިޔެވުމުގެ ކަންކަމުގައި ގިނަ ޓީޗަރުންނާއި ބެލެނިވެރިންވެސް ބްރޯޑްބޭންޑްގެ ހިދުމަތަށް އިސްކަންދޭތީ ކަމަށް އުރީދޫ އިން ބުނެ އެވެ.