ލަކްޝަދީބު ރަށްތަކަށް އެކި ބޭނުމުގައި ޒިޔާރަތްކުރާ މީހުނަށް ދަތިވާނޭހެން ލަކްޝަދީބު އެޑްމިނިސްޓްރޭޝަނުން ގަވާއިދުތައް ބަދަލުކޮށްފި އެވެ. އިދާރީ ހިންގުމަށް ގެނައި މި ބަދަލަކީ ލަކްޝަދީބު ރަށްވެހިންގެ މައްޗަށް ހަރުކަށި ގަވާއިދުތަކެއް ލަކްޝަދީބު އެޑްމިނިސްޓްރޭޝަނުން ތަންފީޒު ކުރަމުން ގެންދާތީ އާންމުގެ ހާލަތު ބެލުމަށް އިންސާނީ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ އޮފިޝަލުންނާއި ސިޔާސީ ލީޑަރުން އެ ރަށްތަކަށް ޒިޔާރަތް ކުރަމުން ދާ ދަނޑިވަޅެއްގަ އެވެ.
ލަކްޝަދީބު އެޑްމިނިސްޓްރޭޓަރަކަށް ޕްރަފުލް ކޮޑާ ޕަޓޭލް އައްޔަން ކުރެއްވި ފަހުން ސުލްހަވެރި ތާރީހެއް އޮތް ލަކްޝަދީބު ރަށްތައް މިހާރު އޮތީ ނުފުށުން ޖެހިފަ އެވެ.
އިގުތިސޯދީ ތަރައްގީއާ ކުރިއެރުމަށް ކަމަށް ވިދާޅުވެ އަމިއްލަ ފަރުދުންގެ ބިންތައް ސަރުކާރަށް ނެގުމާއި ދަރިން ގިނަ މީހުންނަށް ބައެއް ކަހަލަ ވަޒީފާ ނުދިނުން އަދި އެޑްމިނިސްޓްރޭޝަނަށް ފެނިއްޖެ ހިނދެއްގައި ވަކިވަކި ފަރުދުން ހިފަހައްޓައި މުއްދަތެއް ނެތް ގޮތަށް ހައްޔަރު ކުރެވޭ ގޮތަށް އިންސާފެއް ނެތް ގަވާއިދުތަކެއް ވަނީ ޕަޓޭލް ތައާރުފު ކުރައްވާފަ އެވެ.
ލަކްޝަދީބު އަބާދީގެ 97 ޕަސެންޓަކީ މުސްލިމުންނެވެ. އެހެން ނަމަވެސް ޕަޓޭލް ބަދަލު ގެންނެވި ސިޔާސަތުތަކުގެ ތެރޭގައި ބަނގުރާ ވިއްކުމާއި ބުއިން ހުއްދަ ކުރުމާއި ގެރިމަސް މަނާ ކުރުން ހިމެނެ އެވެ. މިއީ ލަކްޝަދީބުގެ މުސްލިމް ޖަމާއަތުގައި ޒަމާން ފެށުނީއްސުރެ މަޝްވަރާ ކުރެވިފައި ވެސް ނެތް ގަވާއިދެކެވެ.
އިންޑިއާއަށް 1947 ގައި އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުނީއްސުރެ ލަކްޝަދީބުގައި އެޑްމިނިސްޓްރޭޓަރަކު ހުންނަވަ އެވެ. ސަރަހައްދީ އެޑްމިނިސްޓްރޭޓަރުން ގޮތުގައި ސިވިލް ސާވަންޓުން ކަނޑައެޅުއްވި ނަމަވެސް ނަރެންދުރަ މޯދީ ސަރުކާރުން ވަނީ ސިޔާސީ މީހުން އައްޔަން ކުރެވޭ ގޮތަށް އެ ސިޔާސަތު ބަދަލު ކުރައްވާފަ އެވެ. ޕަޓޭލް އަކީ ބުނެވޭ ގޮތުގައި މޯދީއާ ވަރަށް އަރިސް ބޭފުޅެކެވެ.
ލަކްޝަދީބު ރަށްތައް ހިނގުމަށް ޕަޓޭލް ގެންނަވާ ބަދަލުތަކާ ދެކޮޅަށް ސިޔާސީ ލީޑަރުންނާއި ކުޅިވަރު ތަރިން އަދި ވަކިވަކި ފަރުދުން ދަނީ މީޑިއާގައި ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އެ ރަށްތަކަށް އެރުން ދަތިކޮށް ހަރުކަށި ކޮށްފައި ވަނީ އާންމުންގެ ޝުއޫރު ހުރި ގޮތް ބަލައި ސަރުކާރަށް ޕްރެޝަރު ކޮށްފާނެތީ އެވެ. އެހެން ނަމަވެސް ޕަޓޭލް އެޑްމިނިސްޓްރޭޝަނުން ބުނަނީ އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި އަޅާފައި ހުރި ފިޔަވަޅުތަކެއް ކަމަށެވެ. އަދި ބުނެފައި ވަނީ އުނދަގޫ ބޮޑުކުރާ ނަމަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށެވެ.