މިސްކިތް

ފާޑުކިޔުން ގިނަވެ މިސްކިތްތަކަށް ފެނާއި ކަރަންޓު ދީފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން ހިމެނެ އެވެ. ނަމަވެސް އެ ނިންމުމަށް ތަބާނުވެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވަނީ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިސްކިިތްތައް ބަންދު ކޮށްފަ އެވެ.

އޭގެ ފަހުން ބައެއް މިސްކިތްތަކަށް މީހުން އަރާތީ ކަރަންޓާއި ފެންވެސް ވަނީ ކަނޑާލާފަ އެވެ. އަދި އާންމުކޮށް މީހުން އަރާ މިސްކިތްތައް ކައިރީ ފުލުހުން ހަރަކާތްތެރިވާން ވެސް ފެށި އެވެ.

އެކަމާއި ގުޅިގެން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ބައެއް މީހުން ފާޑުކިޔާފައި ވަނީ މިސްކިތްތަކަށް އެރުން މަނާ ކުރުމުންނެވެ. އަނެއް ބަޔަކު ފާޑު ކިޔާފައި ވަނީ މިސްކިތްތަކުން ކަރަންޓާއި ފެން ކަނޑާލުމުންނެވެ. މިސްކިތްތައް ބަންދުކުރި ނަމަވެސް ކަރަންޓްގެ އަލިކަމެއް ނެތް ގޮތަށް އެތަންތަން ބަހައްޓައިގެން ނުވާނެ ކަމަށް އެ މީހުން ބުނެ އެވެ.

ބައެއް މީހުން އެކަން ގުޅުވައިލީ ދިވެހިންގެ ތެރޭގައި އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ދިން ހިތްވަރެއްގެ ގޮތުގަ އެވެ.

"އެ މީހުން ބޭނުމެއް ނުވޭ މިތާނގައި މިސްކިތްތައް ހުންނާކަށް. ނަމަވެސް އެކަމެއް އިރާދަ ކުރެއްވިއްޔާ އެހެން ނުވާނެ. އެހެންވީމަ މިސްކިތްތައް ބަންދުކޮށް އެންމެ ކުޑަމިނުން އަލިކަމެއް ނެތް ތަންތަނަށް ހަދަައިދީފި ނަމަވެސް އެ މީހުން އުފާވާނެ. އެހެންވީމަ މިއީ އެ މީހުންނަށް ސަރުކާރުން ކޮށްދިން ކަމެއްދޯ،" ފޭސްބުކްގައި މީހަކު ލިޔެފައި އޮތެވެ.

މިސްކިތްތަކުން ކަރަންޓާއި ފެން ކަނޑާލުމުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން މިހާރު ވަނީ މިސްކިތްތަކަށް ކަރަންޓް ދީފަ އެވެ. އަދި ފެންވެސް ލިބޭނެ ގޮތް ހަދައިފައި ވެއެވެ. ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގައި ޓޭޕް ދަމާ ވަނުން މަނާ ކޮށްފައި ވެއެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް ވަނީ މިސްކިތްތަކުން ފެނާއި ކަރަންޓް ކަނޑާލުމުން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އިޔާޒު ވިދާޅުވީ ޖަމާއަތް ހުއްޓާލި ނަމަވެސް މިސްކިތްތައް މުޅީން ބަންދު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ހާލަތުގެ ގޮތުން މިސްކިތްތަކަށް އަރާ ނަމާދު ކުރަން ޖެހޭ މީހުން ތިބޭނެ ކަމަށާ އެކަމަށް ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

"ހަރުކަށި ވެގެން ހައްލެއް ނުލިބޭނެ. މިސްކިތް ބަންދުކޮށް ފެންކަނޑާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" އިޔާޒް ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ވިދާޅުވީ މިސްކިތްތަކުން ފެނާއި ކަރަންޓް ކަނޑާލުމުން އާންމުންނަށް ދަތިވެގެން އެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"މިރޭ ވަރަށް ހިތްދަތިވެފަ، ނިކަމެތި ރައްޔިތަކު އަޅުގަނޑަށް ގުޅާލާފައި ބުނަނީ، ތިމަންނަގެ ފަސް ދަރިންނާއި ބަލި މަންމަ އާއި ތިމަންނަގެ އަންހެނުންނާއި ދިރިއުޅެނީ ދިހަ ފޫޓް ބާރަފޫޓްގެ ކޮޓަރިއެއްގައި ކަމާއި ނިދަނީ ޑިޔުޓީ ބަހައިގެންކަމާއި ނަމަވެސް ނަމާދުކޮށްލަން ކޮޓަރީގަ ޖާގަ ނެތުމުން މިސްކިތަށް ދިޔުމުން ފުލުހުން ހުއްޓުވާ ފޮނުވާލައިފި ކަމަށް. މީ މާލޭގެ ގިނަ ރައްޔިތުންގެ ހާލަތު. ސިޔާސަތަކީ ރައްޔިތުންނަށްޓަކާ ހަދާ އެއްޗެއްކަމަށް ވަންޏާ ރައްޔިތުންގެ އަޑުއަހައިގެން އެ ސިޔާސަތެއް ހަދަންވާނީ. ނޫނީ ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ބަލިމަޑުކަމުގެ ތެރޭގައި ވެސް މިސްކިތްތައް އެއްކޮށް ބަންދު ކުރުން ބަލައި ނުގަނެވޭނެ ކަަމަށެވެ.

"އިސްލާމީ ވެރިއެއްގެ އަސާސީ މަސްއޫލިއްޔަތަކީ ދީން ހިމާޔަތްކޮށް، ދީނުގެ ހުކުމްތަކާ ހިލާފު ނުވާނޭ ގޮތެއްގެ މަތިން ދުނިޔަވީ ސިޔާސަތު ރާވައި ހިންގުން ކަމުގައިވާއިރު، ބަލިމަޑުކަމުގެ ހާލަތުގައި ވިއަސް މިސްކިތްތައް އެއްކޮށް ބަންދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު އިތުރަށް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެ ފިޔަވަޅުތަކާ އެކުވެސް މިސްކިތްތަކުގައި ނަމާދު ކުރެވެން ވާނެ ކަމަށެވެ.