ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ނުޖެހޭތޯ ވިހަ ހަރުފައެއް ކައިފި

އިންޑިޔާގެ ޓެމިލް ނާޑޫގެ މަދުރާއީގައި ދިރިއުޅޭ މީހަކު ކޮރޯނާވައިރަހުން ސަލާމަތްވާން ވެގެން ވިހަގަދަ ހަރުފައެއް ކާލައިފި އެވެ. މި މީހާ ހަރުފަ ކާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވެ ގިނަ ބަޔަކު ވަނީ މި މަންޒަރުތައް ބެލުމުން ވެސް ހިތަށް އުނދަގޫވާ ކަމަށް ބުނެފަ އެވެ.

މި މީހާ ހަރުފަ ކައިފައި ވަނީ ރޮލާ އެވެ. އޭގެ މަސްތައް ޗުއިމްގަނޑެއް ހަފާ ގޮތަށް ހަފަމުން އެމީހާ އެ ކާތަން ވީޑިއޯގައި ފެނެ އެވެ.

އުމުރުން 50 އަހަރުގެ އެ މީހާއަކީ ވަޑިވެލޫ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ދަނޑުވެރިން ހައްދާ ތަކެތި ވިއްކަން ބާޒާރަށް ގެންގޮސް ދިނުމުގެ މަސައްކަތްކުރާ މީހެކެވެ. ހަރުފަ ކަމުން އެމީހާ ބުނަނީ ކޮރޯނާވައިރަސް މަރާލަން ހަރުފަވަރުގެ އެއްޗެއް ނޯންނާނެ ކަމަށެވެ. އޭނާ ހަރުފަ ކަނީ އެހެންވެ ކަމަށެވެ.

މިހާ ވިހަގަދަ ހަރުފައެއް ކައިގެން ވެސް އެ މީހާ ވިހަނުވެ ސަލާމަތްވީ އޭނާއަށް ނޭނގި ނަމަވެސް ހަރުފައިގެ ވިހަ ގްލޭންޑްސް އޭނާއަށް ނުކެވޭތީ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނަނީ ހަރުފަ ކޭ ގަޑީގައި އެ މީހާ ހުރީ ވަރަށް ބޮޑަށް މަސްތުވެގެނެވެ. އެހެންވެ އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއް އޭނާއަށް ވެސް ނޭނގޭ ކަމަށެވެ.

އެ ހަރުފައަކީ މަގުގައި އޮތް ޗަކަ ކޯރުގެ ތެރޭގައި އޮތް އެއްޗެކެވެ. އެ ނަގައިގެން ކާން އެ މީހާއަށް ހިތްވަރު ދިނީ އެތާނގައި ތިބި މީހުން ތަކެކެވެ. ވަރަށް ބޮޑަށް މަސްތުވެފައި ހުއްޓާ އޭނާ ކައިރީގައި އެ ހަރުފަ ކެއުމަށާއި އޭރުން ކޮރޯނާވައިރަސް ނާރާނެ ކަމަށް އެމީހުން ބުނެ ހަރުފަ ކާން ހިތްވަރު ދިނުމުން އެ މީހާ ހަރުފަ ނަގައިގެން އެ ހަފާލައިގެން ކެއީ އެވެ.

ނަމަވެސް މި ވީޑިއޯ އިންޓަނެޓުގައި ވައިރަލް ވުމުން އެމީހާއަށް ވަނީ ލަނޑު ލިބިފަ އެވެ. އެ ހިސާބުގެ ފޮރެސްޓް ޑިޕާޓްމަންޓުން ފުލުހުންނަށް މިކަން އެންގުމުން ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށް 7000 ރުޕީސް އިން ޖޫރިމަނާ ކޮށްފަ އެވެ.