ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުނގޫފާރު

އުނގޫފާރުން އަނެއްކާވެސް ކޮވިޑް ކޭސްތަކެއް

މޮނީޓަރިންއިން ނެގިތާ ދެ ދުވަސް ފަހުން އަނެއްކާވެސް ރ. އުނގޫފާރުން ކޮވިޑް ކޭސްތަކެއް ފެނެއްޖެ އެވެ.

އެރަށުގައި މިވަގުތު އެކްޓިވް 10 ކޭސް އުޅޭއިރު ހަތް މީހުންނަކީ ކަރަންޓީނަށް ފަހު ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. އިއްޔެ އެރަށް އަނެއްކާވެސް ބަންދުކޮށްފައިވާއިރު މީގެ ކުރިން އެރަށް މޮނީޓަރިންއަށް ލާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މިދިޔަ މާޗް މަހު ވެސް ބޮޑު ކްލަސްޓާއެއް އުފެދިގެން އެރަށް ބަންދު ކުރި އެވެ.

އުތުރުގެ ރަށްރަށު މީހުން ސިއްހީ ހިދުމަތް ހޯދަން އާންމުކޮށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އުނގޫފާރު ބަންދުކުރުމުން އެ ސަރަހައްދުން އުނގޫފާރަށް ފަރުވާ ހޯދަންދާ މީހުންނަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދު ފިޔަވައި 74 ރަށެއް ވަނީ އަރައި ފޭބުން މަނާކޮށްފަ އެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ 39 ޕަސެންޓެވެ.

ބަންދުކޮށްފައިވާ ހުރިހާ ރަށެއްގައި މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ހާލަތު ގޯސް ރަށްރަށުގައި 12 ގަޑިއިރު ކާފިއު ހިންގަމުން އަންނައިރު މާލެ ސަރަހައްދުގައި އަންނަނީ 16 ގަޑިއިރު ކާފިއު ހިންގަމުންނެވެ.