ހަބަރު

އައިޖީއެމްއެޗްގެ ލެބޯޓަރީ އަޕްގްރޭޑްކޮށް ހޮނިހިރު ދުވަހު ހުޅުވަނީ

އައިޖީއެމްއެޗުގެ ލެބޯޓަރީ މިހާރު ހުރި އިމާރާތް އަޕްގްރޭޑްކޮށް، ވެއިޓިން އޭރިއާގެ ޖާގަ ބޮ ޑުކުރުމަށްފަހު އެ އިމާރާތް އަންނަ ހޮނިހިރު ދުވަހު ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގައި އަލަށް އެމްއާރްއައިގެ ހިދުމަތް ފަށަން އިއްޔެ ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑިރެކްޓަރު އަހުމަދު ތަސްލީމް ވިދާޅުވީ، އައިޖީއެމްއެޗުން ފޯރުކޮށްދޭ ހިތުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށާއި މިހާރު ފަށާފައިވާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ލެބޯޓަރީ އަޕްގްރޭޑްކޮށް ވެއިޓިން އޭރިއާ ބޮޑުކުރަން ފެށި މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭ ބޮޑު ވެއިޓިން އޭރިއާއާއެކު ލެބޯޓަރީ ހުންނަ އިމާރާތް ހުޅުވާނެ ކަމަށެވެ.

"ވެއިޓިން އޭރިއާ މިވަނީ ވަރަށް ބޮޑުކޮށްފަ މިހާރު. މިއީ އަނެއްކާވެސް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެއް. މިގޮތަށް ހެދުމުން ކުރިން ގޮތަށް ދެ ކިޔޫއެއްގަ މީހުން ކޮޅަށް ތިބޭކަށް ނުޖެހޭނެ. ވަރަށް ބޮޑަށް ވަގުތުވެސް ސަލާމަތްކުރެވިގެންދާނެ މީގެ ސަބަބުން،" ތަސްލީމް ވިދާޅުވި އެވެ.

ތަސްލީމް ވިދާޅުވީ، ލެބޯޓަރީއަށް ގެނައި ބަދަލާއެކު ތަން ހުޅުވޭއިރު ލޭ ނަގާ 13 ކައުންޓަރު ހުންނާނެ ކަމަށެވެ. އެހެންކަމުން ޓެސްޓުތަކަށް ލޭ ދޭން އަންނަ ބަލި މީހުންނަށް ގިނަ ވަގުތު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށެވެ.

އައިޖީއެމްއެޗަށް މިވަގުތު އެންމެ ބޮޑަށް ދިމާވެފައިވާ ގޮންޖެހުމަކީ މުޅި ހޮސްޕިޓަލު މަރާމާތުކުރަން އިންޑިއާ ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ މަސައްކަތް އާންމުންނަށް ދަތި ނުކޮށް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުން ކަމަށް ތަސްލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓުގެ ދަށުން މުޅި އައިޖީއެމްއެޗުގެ ފުރާޅާއި ސީލިންގުގެ އިތުރުން ބަލިމީހުން ބައިތިއްބާ ވޯޑުތަކުގެ އިންޓީރިއާ މަސައްކަތްވެސް ކުރަން ހަމަޖެހިފައިވާއިރު، ފުރާޅު ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

"..ބަލިމީހުން ބައިތިއްބާ ގިނަ ވޯޑިތަކުގެ މަސައްކަތް މިހާރު މިވަނީ ނިންމާލެވިފަ. މިހާރު ކުރިއަށްދަނީ އެޑްމިނިސްޓްރޭޝަން ބައިގެ މަސައްކަތްތައް. ބޭނުންވާ ސްޕީޑުގައި އަދިވެސް އަޅުގަނޑުމެންނަށް މަސައްކަތެއް ނުކުރެވޭ. ހިނގަމުންދާ ހޮސްޕިޓަލަކަށް ވާތީ އެކަން އެގޮތަށް ކުރަން ވަރަށް ދަތި،" ތަސްލީމް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ފަށާފައިވާ މަރާމާތުގެ މަސައްކަތް ނިމޭއިރު މުޅި ހޮސްޕިޓަލުގެ ކަރަންޓު ވައިރިން ޒަމާނީކޮށް، ހޮސްޕިޓަލުގެ ނެޓްވޯކް ކޭބަލްތައްވެސް އާކުރާނެ ކަމަށް ތަސްލީމް ވިދާޅުވި އެވެ.

ހޮސްޕިޓަލްގެ މަރާމާތަށް އިންޑިއާ ސަރުކާރުން ވަނީ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ސަރުކާރަށް ދީފައެވެ.

".. ދަތިތައް ހުންނާނެ. އަޅުގަނޑުމެންނަށްވެސް އެނގޭ ހޮސްޕިޓަލް ތެރޭގައި މިވަގުތު ވަރަށް ތަރުތީބު ގެއްލިފައިވާކަން. އާންމުންވެސް އެއްބާރުލުންދީގެން މިކަހަލަ ކަންކަން ރަނގަޅަށް ކުރިއަށް ގެންދެވޭނީ. ކޮންމެ ގޮތަކަށް ވިޔަސް ހިދުމަތް މެދުކަނޑާލެވޭކަށް ނެތް. އެޑްމިޝަންތަކަށް އެނދު ދޫކުރަމުން މަސައްކަތްވެސް ކުރަން ޖެހެނީ،" ތަސްލީމް ވިދާޅުވި އެވެ.

ތަސްލީމް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މެދަކާ ހަމަޔަށް ދާއިރު މުޅި އައިޖީއެމްއެޗް ހޮސްޕިޓަލް އާ ވެގެން ދާނެ އެވެ. ވޯޑުތަކާއި ފާހާނާތަކަށް ޒަމާނީ ކުލައެއް އަންނާނެ އެވެ.

ދެން އެންމެ އަވަހަށް އައޖީއެމްއެޗަށް ގެނެވޭނެ ފާހަގަކޮށްލެވޭ ބޮޑު ބަދަލަކަށް ވާނީ އައިސީޔޫ ޒަމާނީކޮށް، ޖާގަ ބޮޑުކުރުން ކަމަށް ވެސް ތަސްލީމް ވަނީ ވިދާޅުވެފަ އެވެ.