ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލޭގެ މިސްކިތްތައް ބަންދުކުރި ނަމަވެސް ބައެއް އާންމުން ހާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުންދާތީ 37 މިސްކިތެއްގައި ނަމާދު ކުރުމާއި ފާހާނާ ކުރުމާއި ވުލޫ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން ހިމެނެ އެވެ. ނަމަވެސް އެ ނިންމުމަށް ތަބާނުވެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވަނީ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިސްކިިތްތައް ބަންދު ކޮށްފަ އެވެ.
އެކަމާއި ގުޅިގެން މިނިސްޓްރީ އާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލޭގެ މިސްކިތްތައް ބަންދުކުރި ނަމަވެސް ބައެއް އާންމުން ހާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުންދާ މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ނަމާދު ކުރުމާއި ފާހާނާ ކުރުމާއި ވުލޫ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
ބައެއް މިސްކިތްތަކަށް މީހުން އަރާތީ ކަރަންޓާއި ފެންވެސް ކަނޑާލި އެވެ. އަދި އާންމުކޮށް މީހުން އަރާ މިސްކިތްތައް ކައިރީ ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް އިއްޔެއިން ފެށިގެން މިސްކިތްތަކަށް ކަރަންޓާއި ފެން ލިބޭނެ ގޮތް ވަނީ ހަދާފައެވެ.