ޖުމްހޫރީ ދުވަހުގެ ޖަލްސާއިން އެންމެންގެ ލޮލުގައި އަޅައިގަތީ މިދިއަ އަހަރު އޯލެވެލްގައި ކޮމްޕިއުޓާ ސްޓަޑީޒް އިން މުޅި ދުނިޔެއެއް އެއްވަނަ ހޯދި އިބާ މަހުރީން ރައީސް އަބްދުﷲ ޔާމީނާ އެއް ފަހަރު ސަލާމް ކުރައްވާފައި ދެވަނަ ފަހަރަށް ސަލާމަށް ރައީސް އަތްޕުޅު ދިއް ކުރައްވައިގެން ހުންނަވަނިކޮށް "އަޅައިނުލައި" ދިޔަ މަންޒަރެވެ.
އެވަގުތު ކޮޅުވެސް އެއްކަމެއް ޔަގީންވި އެވެ. އެ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވާނެ ކަމެވެ. ކަންވީވެސް އެހެނެވެ. އެއީ ދިވެހިންގެ ދުވަސް މިހާރު އޮތް ގޮތެވެ.
"ފަހުންތާ ދެއްތޯ، ވައިރަލްވީ، އަޅުގަނޑު އެ ހާސް ކަމުގައި ހުއްޓާ އެ ބޮޑު ޖަލްސާގެ ތެރެއިން ދެމީހަކު އެހި ކީއްވެހޭ ސަލާމް ނުކުރީ، އެހެންވެ އިތުރަށް ހާސްވި،" މި މައްސަލައާ ބެހޭ ގޮތުން އިބާ ފުރަތަމަ ވާހަކަ ދައްކާފައި ވަނީ އަވަސް އަށެވެ.
މުޅި ސޯޝަލް މީޑީއާގައި ހުއްޓުމެއް ނެތި އިބާގެ ވީޑިއޯކޮޅު ދައުރުވަމުން އެބަދެ އެވެ. އެ ބަލާފައި އެއްބަޔަކަށް އިބާވީ "ފިސާރި" އަންހެނަކަށެވެ. އަނެއް ބަޔަކު ބުނީ ޒުވާނުންނާއި އަންހެންގެ ތާއީދު ރައީސަށް ނެތްކަން ހިތްވަރުގަދަ ކަމާއެކު އިބާ ދައްކައިދިނީ ކަމަށެވެ. އަނެއް ބަޔަކު ބުނީ ޒުވާން އެޗއަންހެން ކުޖާ އިހުތިރާމެއް ނެތި ދަށުދަރަައިގެ ކަމެއްކުރީ ކަމަށެވެ. އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.
އެއީ މީހުން ދެކޭ ގޮތެވެ. އުމުރުން 17 އަހަރުގެ އެ ކުޑަ އަންހެންކުއްޖާއަށް ކަންދިމާވި ގޮތާއި ސްޓޭގައި ކަން ހިނގި ގޮތުގެ ވީޑިއޯ ކްލިޕް މުޅި ސޯޝަލް މީޑީއާއަށް ފެތުރުމުގެ ކުރިން އެކަން ހިނގި ވަގުތުކޮޅުން ފެށިގެން އެކަމާ އެންމެ ބޮޑަށް ދެރަަވެފައި ހުރީ އެކުއްޖާ އެވެ. ދެން އާއިލާ އެވެ.
"އެވަގުތު ކޮޅު އެކަން ދިމާވި ހިސާބުން ފެށިގެން އަޅުގަނޑު ވަރަށް ދެރަވި، އަދި ރައީސް އޮފީހުން އަޅުގަނޑާ ހަވާލުވެ ހުރި ފަރާތަށް ދެންނެވި އެހެންދިމާވި ވާހަކަ، އެ ބޭފުޅާ ވިދާޅުވީ އެކަން މައްސަލައަކް ނުވާނޭ،" ސީއެޗްއެސްއީގައި މިހާރު ކިޔަވަމުން އަންނަ އިބާ ބުންޏެވެ.
އިބާ ބުނީ ސްޓޭޖަށް ގޮސް ރައީސް ސަލާމްކޮށް އިނާމު ލިބި ގަތުމަށްފަހު މެޑައްޔާ ހަވާލުވެ، ހިނގައިގަންނަށް އުޅުނު ވަގުތު ހުރީ ވަރަށް ހާސްވެފައި ކަމަށާއި އެވަގުތު ރައީސް "މަރުހަބާ"އޭ ވިދާޅުވުމުން ކުއްލިއަކަށް ދެން ހަދާނެ ގޮތް ހުސްވީ ކަމަށެވެ.
"ރައީސް އަތްޕުޅު ދިއްކުރެވި، އެކަމަކު އަޅުގަނޑަށް ކުއްލިއަކަށް ހަދާނެ ގޮތް ނޭނގުނީ އެހެންވެ 'ތެންކް ޔޫ' އޭ ބުނެވި ހިނގައިގަނެނުވީ، އެއީ އަޅުގަނޑު ގަސްދުގައި ކުރި ކަމެއް ނޫން، ރަސްމީ ބޮޑު ހަފުލާއެއްގައި ގައުމުގެ ރައީސާމެދު ބޭއިތިރާމު ކުރުމުގެ އެއްވެސް ނިޔަތެއް އަޅުގަނޑުގެ ނެތް. އެވަގުތު ކޮޅު އަޅގަނޑަށް ހަދާނެ ގޮތް ނޭނގުނީ، ވަރަށް ވަރަށް ދެރަވި، ގަސްދުގައި އެފަދަ ކަމެއް ދުވަހަކު ވެސް އިބާއެއް ނުކުރާނެ"
އިބާ ބުނީ ޖަލްސާއަށް ފަހު ފޮޓޯ ޝެޝަނުގައި ރައީސާ ބައްދަލުކޮށް އެކަން ދިމާވި ގޮތް ރައީސަށް އޮޅުން ފިލުވައިދީ މާފަށް އެދެން މަސަކަތް ކުރި ކަމަށާއ ނަމަވެސް މީހުން ގިނަ ކަމުން އެ ވާހަކަ ރައީސަށް ދަންވަން ނުކެރި ވަގުތު ބޭކާރުވީ ކަމަށެވެ.
"އަޅުގަނޑު ޓްރައި ކުރިން ރައީސާ ވާހަކަ ދައްކަން، އެކަމަކު ވަރަށް މީހުން ގިނަވީމައާ ހާސްވެފައި ހުރުމުން އިބާއަކަށް ނުއެއް ކެރުނު، އަނެއްކާ ފަހުން ރައީސް އޮފީހުގެ އެހެން ބޭފުޅަކު އެ ސުވާލު ކުރެއްވުމުން އަޅުގަނޑު ވީގޮތް ކިޔައި ދިނުމުން ވެސް ވިދާޅުވި އެއީ މައްސަލައެއް ނޫނޭ. އެކަމު އަޅުގަނޑަށް އެނގޭ އެ ވަގުތުކޮޅުގެ ވީޑިއޯ ވައިރަލްކޮށްލާނެކަން ވެސް،"
އިބާ ބުނީ އޭނާގެ ވިސްނުން އެއްވެސް ބަޔަކު ސޯޝަލް މީޑީއާގައި ބުނެދޭން ނުޖެހޭނެ ކަމަށާއި އޭނާގެ ސިޔާސީ ފިކުރާ ހަމައަށް އަދި ނުދާ ކަމަށާއި އޭނާ އަކީ ކުޑަކުއްޖެއް ކަމަށެވެ. އަދި ބުނީ ސްޓޭޖްމަތީގައި ދިމާވި އެ ހާދިސާހެދި ހިތާމަ ކުރާ ކަމަށާއި އޭނާއަށް އެރި އޮޅުމުގައި ކަން ހިނގައި ދިޔަ ގޮތުގެ ސަބަބުން ރައީސް އަރިހުން ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ޝޯޝަލް މީޑީއަގައި ކޮންމެ އެއްޗެކޭ ކިޔަސް އަޅުގަނޑު ގަބޫލު ކުރާ ގޮތް އެ މީހުން ބުނެދޭކަށް ނުޖެހޭނެ. އަޅުގަނޑުގެ ވާހަކަ ބުނާނީ އަޅުގަނޑު އެހިސާބަކަށް އަދި ނުދޭ... ޖަލްސާގައި ވީކަމެއްވީ އަޅުގަނޑު ހާސްވެގެން ހަދާނެ ގޮތް އެވަގުތަށް ނޭނގުމުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސްލްޖުމްހޫރިއްޔާއަށް އިހުތިރާމް ކުރަންޖޭހެނެ.. އައިމް ސޮރީ،"
އިބާގެ މަންމަ ބުނީ އޭނާގެ ދަރިފުޅު ވެސް އަދި އަދި އޭނާއަށް ލިބުނު ޝަރަށްޓަކައި ދިޔައީ ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް ނޫން ކަމަށާއި ދިޔައީ ގައުމުގެ ރަސްމީ ހަފުލާއަކަށް ގައުމުގެ ރައީސްގެ އަރިހަށް ކަމަށެވެ. ނަމަވެސް އޭނަގެ ދަރިފުޅަށް އެރި އޮޅުމެއް އިތުރު އޮޅުން އަރާ ގޮތަށް ކަންކަން ފުރޮޅައިލުމުން އާއިލާ ދެރަވެއްޖެ ކަމަށެވެ.