އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް ރުޖޫއަވުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގް ރިޔާސީ ވައުދެކެވެ. އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވިދާޅުވަނީ އެމެރިކާއިން އީރާނާއެކު އެއްވެސް ޑީލެއް ހަދައިގެން ނުވާނެ ކަމަށެވެ. ނަތަންޔާހޫ އެ އިޝާރާތް ކުރައްވާ ޑީލަކީ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަށެވެ.
ނަތަންޔާހޫ ވިދާޅުވީ އީރާނުން ނިއުކްލިއާ ބާރަކަށް ވުމަށް ވުރެ ބޮޑު ނުރައްކަލެއް އިޒްރޭލަށް ކުރިމަތި ނުވާނެ ކަމަށާއި އެމެރިކާއިން ކިތަންމެ ވަރަށް ދެކޮޅު ހެދި ނަމަވެސް އީރާން ނިއުކްލިއާ ބާރަކަށް ވިޔަ ނުދެއްވާނެ ކަމަށެވެ.
އީރާން ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އިޒްރޭލަށް ކިހާ ބޮޑު ނުރައްކަލަކަށް ވާނެކަން ބައިޑަންއަށް އޮޅުން ފިލުވައި ދެއްވާފައި ވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. ނަތަންޔާހޫ ވިދާޅުވީ އެމެރިކާއާ އީރާން ޑީލެއް ހެދިއަސް ނުހެދިއަސް އިޒްރޭލު ހިމޭނުން ނޯންނާނެކަން ބައިޑަންއަށް ދަންނަވާފައި ވާނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ އިޒްރޭލު ކުރިމަތީގައި މިހާރު އޮތީ ދެގޮތް ކަމަށާއި އެއީ އެމެރިކާއާ އޮތް ގާތްކަން ކަނޑައި ރުޅިވާނީތޯ ނުވަތަ ދުޝްމަނުން ވަކި ތޫނުކުރަން ދޫކޮށްލާނީތޯ އެވެ. އަދި ވިދާޅުވީ މި ދެގޮތުން ކުރެ ގޮތެއް އިހުތިޔާރު ކުރާނީ ވެސް އިޒްރޭލުން ކަމަށާއި އެއީ ދުޝްމަނުންގެ ބާރު ކަނޑުވާލުން ކަމަށެވެ.
އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދަށް އާ ވެރިއަކު އަންޔަން ކުރަން ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ނަތައްޔާހޫ ގޮށްމުށުން ހިތްވަރު ދައްކަވައި ވިދާޅުވީ އީރާން ނިއުކްލިއާ ބާރަކަށް ވާން ލާހިކެއް ނޫން ކަމަށެވެ.
"އީރާނަށް ލާހިކެއް ނޫން އެ ބާރު [ނިއުކްލިއާ] ހޯދާ ކަށް،" ނަތަންޔާހޫ ވިދާޅުވި އެވެ. "އަޅުގަނޑު މި ދަންނަވަނީ ފިސާރި ތެދެއް، ލާހިކެއް ނޫން! އިނގޭތޯ، ލާހިކެއް ނޫން!" ވަރަށް ޖޯޝާއެކު ނަތަންޔާހޫ ވިދާޅުވި އެވެ.
އެމެރިކާއާ ބައިވެރިން 2015 ގައި އީރާނާއެކު އެއްބަސްވި ޖޭސީޕީއޯއޭ ނުވަތަ އީރާން ނިއުކްލިއާ ޑީލް އިއާދަ ކުރެވޭތޯ އޮސްޓްރިއާގެ ވިއެނާގައި މިހާރު ވެސް މަޝްވަރާތައް އެބަ ކުރެ އެވެ. ޓްރަމްޕް ސަރުކާރުން 2018 ގައި މި އެއްބަސްވުން އޮތީ އުވާލާފަ އެވެ.
އެމެރިކާއިން ވާހަކަ ދައްކަނީ އީރާނަށް ދަތި ކުރަން އަޅާފައި ހުރި ފިޔަވަޅުތައް މުޅިން އުވާ ނުލައި އީރާން އެއްބަސް ކުރުވޭތޯ އެވެ. އީރާނުން ބުނަނީ ދަތިކުރުން މުޅިން އުވާލައިގެން މެނުވީ އެއްބަސް ވެވޭކަށް ނެތް ކަމަށެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ ޑައިރެކްޓާ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ވިދާޅުވި ގޮތުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރަން އީރާން ކުރާ މަސައްކަތްތައް މާބޮޑަށް ވަނީ ކުރިއަރުވާފަ އެވެ. ގްރޮސީ ވިދާޅުވީ ދެން އީރާން އަތު ނުޖެހޭނެ ކަމަށެވެ.