މޯލްޑިވްސް ޕޮލިސް ސާވިސް

މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގެ ލައިވްއަކަށް މީހަކު ކުރި ކޮމެންޓަކާއި ގުޅިގެން އޭނާ ހައްޔަރުކޮށްފި އެވެ.

މަޖިލީހުގެ މެއި 17 ވަނަ ދުވަހުގެ ޖަލްސާ ޓީވީ ޗެނަލަކުން ލައިވް ސްޓްރީމްކުރަމުން ދަނިކޮށް ފޭސްބުކްގެ ކޮމަންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މަޖިލީހުގެ އިދާރާ އިންނެވެ.

ފުލުހުން މިރޭ ބުނީ މި މައްސަލައާ ގުޅިގެން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވަނީ މިފަދަ ނުރައްކާތެރި އިންޒާރުގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ބުނެފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުން މެރުމާއި ގެއްލުން ދިނުމަށް އިންޒާރުދީ ހެދުމަކީ ބޮޑު ކުށެކެވެ.