ދުނިޔެ

މެދުއިރުމަތިން ރަޝިއާ އާއި ޗައިނާ ފޭވާންޖެހޭ: ޕެންޓަގަން

އެމެރިކާގެ ޕެންޓަގަންގެ ސީނިއާ އޮފިޝަލަކު މެދުއިރުމަތީ އަރަބި ގައުމުތަކަށް އިންޒާރު ދެއްވައިފި އެވެ. މިޑްލްއީސްޓް އިންސްޓިޓިއުޓްގައި އޮތް ވެބިނާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑިޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ޑޭނާ ސްޓްރޮލް ވިދާޅުވީ އެތޯ ރަނގަޅީ މިތޯ ރަނގަޅީ ބެއްލެވުމުގެ ބޭނުމެއް ނެތް ކަމަށާއި އެމެރިކާއަށް ކޮށްދެވެން ނެތް ކަމެއް ޗައިނާއަށް އަދި ރަޝިއާއަށް ވެސް ކޮށް ނުދެވޭނެ ކަމަށެވެ.

ޑޭނާ ވިދާޅުވީ ޗައިނާއާ ރަޝިއާއިން މެދުއިރުމައްޗަށް ސެކިއުރިޓީ ކަށަވަރުކޮށް ދޭތޯ ބައްލަވާނެ ކަމެއް ނެތް ކަމަށާއި އެމީހުންގެ އަތުން އެއްޗެއް ނުލިބިގެން އަނބުރާ އަންނައިރު އޮންނާނީ އެމެރިކާއިން ދިން ފުރުސަތު ވެސް ގެއްލިފައި ކަމަށެވެ.

އެމެރިކާއާއެކު މެދުއިރުމަތީ ގައުމުތަކުން ގާތް އެކުވެރި ގުޅުމެއް ބާއްވަން އެދޭ ނަމަ ރަހަ ހެޔޮވަރު ކުރަން ތިއްބަވާނެ ކަމެއް ނެތްކަމަށް ވެސް ޑޭނާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ ރަޝިއާއާ ޗައިނާގެ ކިބައިން ހިތްވަރު ހޯދުމަކީ އެމެރިކާއަށް ގަބޫލު ކުރަން ދަތިކަމެއް ކަމަށެވެ.

ރަޝިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑާނާ ވިދާޅުވީ ވާދަވެރިން މިހާރު މެދުއިރުމައްޗަށް މިސްރާބު ޖަހައިފި ކަމަށާއި އަރަބި އެކުވެރި ގައުމުތަކަކީ ޒަމާނުއްސުރެ އެމެރިކާއާ ގާތް ގުޅުމެއް އޮން ގައުމުތަކެއް ކަމަށެވެ.

ޗައިނާގެ މިސްރާބު ވެސް މިހާރު ހުރީ މެދުއިރުމައްޗަށް ކަމަށް ވިދާޅުވެ ޑޭނާ ވިދާޅުވީ ޗައިނާގެ ބާރު އޭޝިއާގައި ވަރުގަދަ ކަމަށާއި މެދުއިރުމަތި ހަލާކު ކޮށްލުމުގެ ވިސްނުން ވެސް ޗައިނާ ދޫކޮށް ނުލާ ކަމަށެވެ.

ޕެންޓަގަނުން މެދުއިރުމަތީ އަރަބި ގައުމުތައް ދެކެ ރުޅިއަރައިގަނެގެން އުޅޭ ވަކި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެހެން ނަމަވެސް، ތުރުކީން ހޯދަމުން އަންނަ ކުރިއެރުންތަކަށް އެމެރިކާ އޮތީ ވަރަށް ފާރަވެރިވެ އެވެ. ތުރުކީން މިހާރު މަސައްކަތް ކުރަނީ އަމިއްލައަށް ހަތިޔާރު އުފައްދައި އެކުރެވެރި ގައުމުތަކަށް ފޯރު ކޮށްދޭށެވެ.