ދުނިޔެ

އިޒްރޭލުން ހުޅަނގު ސަހަރާގައި 350 ހައުސިން ޔުނިޓްއަޅަނީ

އިޒްރޭލުން ފަލަސްތީންގެ ހުޅަނގު ސަހަރާގައި 350 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި އެވެ. ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރާއި ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރު، އެޑިޔުކޭޝަން މިނިސްޓަރާއި ރީޖަނަލް ކޯޕަރޭޝަން މިނިސްޓަރާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ވެރިކަންކުރާ ލިކޫޑް ޕާޓީގެ މެންބަރުން ވިދާޅުވާ ގޮތުން އިޒްރޭލު އާބާދުކޮށް އާންމުންނަށް ބިން ތަނަވަސް ކޮށްދިނުމަށް ވުރެ މުހިންމު މަޝްރޫއެއް އިޒްރޭލުގައި ނުހިންގަ އެވެ. ސިޔާސީ ފިކުރަށް ނުބަލައި އަދި ޒާތީ ކަމަކަށް ނުހަދައި ރަސްމިއްޔާތުގައި ބައިވެރިވެ އަތްޖަހަން ޖެހެނީ އެހެންވެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ހުޅަނގު ސަހަރާގައި ހައުސިން ޕްރޮޖެކްޓް މިހާރު ފަށާފައި ވަނީ އިޒްރޭލުގެ ކާބަފައިން ދިރިއުޅުނު ބިމެއްގައި ކަމަށެވެ. އެހެން ކަމުން އިޒްރޭލުގެ އާބާދީއަށް މާޒީގެ ތެރެއަށް ވަންނާނެ ފުރުސަތު އޮތީ ލިބިފައި ކަމަށެވެ.

މިއީ 2020 ގައި އަޅައި ނިންމަން ހަމަޖައްސާފައި އޮތް ޕްރޮޖެކްޓެކެވެ. އެހެން ނަމަވެސ އެކި ިދމަދިމާއިން ކުރިމަތިވި ޕްރެޝަރާ ހެދި މަސައްކަތްތައް މަޑުޖައްސަން އިޒްރޭލަށް މަޖުބޫރުވީ އެވެ.

އިޒްރޭލުން ޔަހޫދީންނަށް ގެދޮރުއަޅައި ދެމުން އެ ގެންދަނީ ފަލަސްތީންގެ ބިމެއްގަ އެވެ. އެއީ އިޒްރޭލަށް ލިބިގެންވާ ހައްގެއް ކަމަށް ބައިނަލްއަގުވާމީ އެއްވެސް ޖަމާއަތްތަކުން ނުދެކެ އެެވެ. އެހެން ނަމަވެސް އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެން ހިންގާ ޕްރޮޖެކްޓްތަކަށް ދެކޮޅު ހަދައިފި ނަމަ ފެންނަނީ ފުއްކިބައަށް އަރާ ވަޒަން ނިތްކުރިން ނުކުމެގެންދާ ތަނެވެ.