ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިޝްކާ ނިޔާވި މައްސަލަ މަޖިލީހުން ބަލަން ހުށަހަޅައިފި

Jun 2, 2021
1

ކޮވިޑް ބަލީގައި ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވި މައްސަލަ ބެލުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލަ ބަލައިދިނުމަށް ހުށަހެޅުއްވީ އެމްޑީޕީގެ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އެވެ.

މިޝްކާ ނިޔާވި މައްްސަލަ އަށް އިޝާރާތް ކުރައްވާ ހައިތަމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މިއީ ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ތަކުރާރުވަމުންދާ ސަބަބުތައް ދެނެގަތުމަށް ސިއްހީ ފަރުވާ ލިބުން ލަސްވާ ސަބަބާއި އެކަން ފަރުވާތެރިކަމާ އެކު ނުގެންދެވޭ ސަބަބު އޮޅުންފިލުއްވައި ދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.

މީގެއިތުރުން މާލޭގެ އާބާދީއާއި އެކަށީގެންވާ ވަރަށް ހިދުމަތް ދެވޭނެ އަދަދަށް ސިއްހީ އާލާތްތައް ހުރިތޯ ބެލުމަށްވެސް އެދިވަޑައިގެންފައިވެ އެވެ. އަދި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމަށްވެސް ހުށަހަޅުއްވާފައިވެ އެވެ.

"އަދި މިކަމުގެ ސަބަބުން އިތުރު ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ކުރިން މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ހާޒިރުކޮށް މިމައްސަލަ ވީހާވެސް އަވަސް ފުރުސަތުތަކެއްގައި ބައްލަވައިދެއްވުން އެދި ދެންނެވީމެވެ." ހައިތަމްގެ މައްސަލައިގައި އެދިވަޑައިގެންފައިވެ އެވެ.

މިޝްކާގެ ހާލު ދެރަވުމާ ގުޅިގެން އެމްބިއުލާންސަށް ތަކުރާރުކޮށް ގުޅުމުން ވެސް މިޝްކާ ބަލައި އެމްބިއުލާންސް ދިޔައީ ގާތްގަނޑަށް ތިން ގަޑިއިރު ފަހުން ކަމަށް އާއިލާ އިން ބުނެފި އެވެ.

މިޝްކާ ރޭ ނިޔާވި މައްސަލާގައި އެ ކުއްޖާގެ އާއިލާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިޝްކާގެ ބައްޕައާއި މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިޝްކާ ވެސް ގޭގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެކަމަކު ރެއާ ހަމައަށް މިޝްކާގެ ހާލު ރަނގަޅު ކަމަށާއި ކުއްލިއަކަށް ހާލު ގޯސްވުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅީ ރޭ 11:40 ހާއިރު ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. މިޝްކާ ބަލައި އެމްބިއުލާންސް އައީ ގުޅިތާ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުން ކަމަށްވެސް އާއިލާ އިން ބުނެ އެވެ.

އާއިލާ އިން އިތުރަށް ބުނީ އެޗްޕީއޭގެ ހޮޓްލައިން 1676 އަކަށް ތަކުރާރުކޮށް ގުޅުމުން ވެސް އެމްބިއުލާންސް އެގެ ކައިރިއަށް ގޮސްފައިވާ ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އިން ބުނާ އެމްބިއުލާންސް އައިސްފައި ނުވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ގުޅައިގެން އިރުތަކެއް ފަހުން ހޮސްޕިޓަލަށް ދިޔައިރު މިޝްކާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ.

"އޭރު މިޝްކާ އަށް ނޭވާލާން ދަތިވެ، ނޭފަތުން ވެސް ހުރީ ލޭ އައިސްފައި. ކާކުތޯ މިކަމާ ޒިންމާވަނީ؟،" މިޝްކާގެ އާއިލާގެ މީހަކު ޓްވިޓާގައި ސުވާލުކޮށްފައިވެ އެވެ.

މިޝްކާ ނިޔާވި މައްސަލާގައި ކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު މައުލޫމާތު ދީފައިވެ އެވެ.

އެމިނިސްޓްރީން ބުނީ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ދާން ބޭނުންވި މީހަކު ހޮސްޕިޓަލަށް ގެންދިއުން ލަސްވި ސަބަބު ދެނެގަތުމަށް މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައިވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑް ބަލީގައި މީގެކުރިންވެސް ކަމާ ގުޅޭ އިދާރާތަކުގެ އިހްމާލުން ބައެއް މީހުން މަރުވެފައިވާ ކަމަށް ބުނާ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އަދި އެފަދަ މައްސަލަތައް ބަލާނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނި ނަމަވެސް އެފަދަ މައްސަލަތައް ބެލުމަށްފަހު ކަމާ ގުޅޭ ތަފްސީލްތައް ހާމަކުރަން އިދާރާތަކުން ފަސްޖެހެ އެވެ.