ޓެކްސް

ކައިވެނީގެ ހަދިޔާއިން ވެސް ޓެކްސް ނެގޭ ގޮތަށް އިސްލާހެއް

ކައިވެނި ކުރުމުން ވަކި މުއްދަތެއްގެ ފަހުންނާއި ކުރިން ލިބޭ ހަދިޔާ އަކީ ކައިވެނީގެ ހަދިޔާ ކަމަށްވީ ނަމަވެސް އެފަދަ ހަދިޔާ އިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލުގެ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށާފަ އެވެ.

ބިލު ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ މި ބިލްގެ ބޭނުމަކީ 2019 ވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާ އަދި ރީއިންޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުން އިސްތިސްނާ ކުރުން ކަމަށެވެ. ހަމައެއާއެކު މިހާރު އޮތް ގާނާނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ ވެސް އިސްލާހު ހުށަހެޅުއްވި ބޭނުމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ހުށަހެޅުއްވި އިސްލާހުގައި ކައިވެނީގެ ހަދިޔާއިން ވެސް ޓެކްސް ނެގިދާނެ އުސޫލު ހިމަނާފައިވެ އެވެ.

ދެހާސް ނަވާރަވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮތް ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކުން ޓެކްސް ދެެއްކުން އިސްތިސްނާވެ އެވެ.

ނަމަވެސް އަލަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމަ އެވެ. އެހެންކަމުން އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކުން ޓެކްސް ނެގޭނެ އެވެ.

ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގޭގޮތަށް ހުށަހެޅުމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެކަމުން ދޭހަވަނީ އާމްދަނީ ހޯދަން ސަރުކާރުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ކަަމަށް ޝިޔާމް ވިދާޅުވި އެވެ.

"....އާމްދަނީ ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އެބަ ދޭހަވޭ. މި މާއްދާގެ މި ނަންބަރުން އިތުރުކުރެވޭ ނަންބަރުގައި މިއޮތީ ކައިވެނި ކުރާ ފަރާތްތަކަށް މަންމައާއި ބައްޕައާ އެދޭ ހަދިޔާއިން ޓެކްސް ނެގޭ ވާހަކަ. މި ހުންނަނީ ސަރުކާރެއް ޑެސްޕަރޭޓްވެފައި އޮތް މިންވަރު. މި ދައުލަތަކީ އާމްދަނީ ލިބެން އޮތް ދައުލަތެއް. ރިސޯސް ހުރި ދައުލަތެއް." ޝިޔާމް ވިދާޅުވި އެވެ.

މި ގައުމަށް އާމްދަނީ ހޯދެން އޮތީ ހަމައެކަނި ރައްޔިތުންގެ ޖީބުން ކަމަށްވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށްވެސް ޝިޔާމް ގޮވާލެއްވި އެވެ.