ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްޓީސީސީ

ޖުލައި ހާއްސަކޮށްފަައި އޮތީ މިޝްކާއަށް

ކޮވިޑް ބަލީގައި ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާއަކީ ވަރަށް ހުނަރުވެރި ކުއްޖެކެވެ. އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ކިޔަވަމުން ގެންދިޔަ މިޝްކާ ގެންދިޔައީ ސުކޫލުން ބާއްވަމުން އައި ވަރަށް ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ރަން ވަނަތައް ހޯދަމުންނެވެ. ލަވަ ކިޔުމާއި މަހަދަ ކިޔުމާއި ގުރުއާން ކިޔެވުމަކީ މިޝްކާގެ ވަރަށް ހާއްސަ ޝައުގުވެރިކަމެއް ހުރި ފަންނުތަކެވެ. މީގެ އިތުރުން ކުރެހުމަކީވެސް މިޝްކާ ވަރަށް ލޯބި ކުރި ފަންނެކެވެ. މިޝްކާއަކީ ކުރެހުމުގެ ހުނަރުވެސް ލިބިފައިވި މޮޅު ކުއްޖެކެވެ.

މިޝްކާގެ ކުރެހުމުގެ ހުނަރުވެރިކަަން އެމްޓީސީސީން ބޭއްވި ކަލަންޑަ އާޓް ކޮމްޕެޓިޝަނުންވެސް ވަނީ ފެނިފައެވެ. އެ މުބާރާތަށް މިޝްކާ ހުށައެޅި ކުރެހުން ކަމުގޮސް މި އަހަރު އެ ކުންފުނިން ނެރުނު ކަލަންޑަރުގައިވެސް ވަނީ ހިމަނާފައެވެ. އެ ކުންްފުނީގެ މި އަހަރުގެ ކަލަންޑަރުގެ ޖުލައި މަހަށް ހާއްސަކޮށްފައިވަނީ މިޝްކާގެ ކުރެހުމެވެ.

ނަމަވެސް ޖުލަައި ބައްދަލުކުރަން މަހެއްހާ ދުވަހަށް ވެފައިވަނިކޮށް މިޝްކާ ވަނީ ވަކިވެގެން ގޮސްފައެވެ. މިޝްކާގެ ހަނދާންތައް އައު ކުރަމުން އެމްޓީސީސީން މިއަދު ބުނީ އެއީ "ޖަވާހިރެއް" ކަމަށެވެ.

މުބާރާތަށް މިޝްކާ ކުރެހި ހިތްގައިމު ތަސްވީރާއެކު މިޝްކާގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިޝްކާގެ ކުއްލި ވަކިވެދިއުމާއެކު އާއިލާއާ މުޅި މުޖްތައުއަށްވެސް ލިބިފައިވަނީ ބޮޑު ހިތާމައެކެވެ. އަދި މިޝްކާ ވަކިވެ ދިޔައިރު އިހުމާލުގެ މައްސަލަތަކެއް ފެންމަތިވެ އެ ހިތާމަވެރިކަން ވަނީ ބޮޑުވެފައެވެ.

މިޝްކާގެ ހާލު ދެރަވުމާ ގުޅިގެން އެމްބިއުލާންސަށް ތަކުރާރުކޮށް ގުޅުމުން ވެސް މިޝްކާ ބަލައި އެމްބިއުލާންސް ދިޔައީ ގާތްގަނޑަށް ތިން ގަޑިއިރު ފަހުން ކަމަށް އާއިލާ ބުނެއެވެ.

މިޝްކާ ރޭ ނިޔާވި މައްސަލާގައި އާއިލާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިޝްކާގެ ބައްޕައާއި މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިޝްކާ ވެސް ގޭގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެކަމަކު ރެއާ ހަމައަށް މިޝްކާގެ ހާލު ރަނގަޅު ކަމަށާއި ކުއްލިއަކަށް ހާލު ގޯސްވުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅީ ރޭ 11:40 ހާއިރު ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. މިޝްކާ ބަލައި އެމްބިއުލާންސް އައީ ގުޅިތާ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުން ކަމަށްވެސް އާއިލާ އިން ބުނެ އެވެ.

އާއިލާ އިން އިތުރަށް ބުނީ އެޗްޕީއޭގެ ހޮޓްލައިން 1676 އަކަށް ތަކުރާރުކޮށް ގުޅުމުން ވެސް އެމްބިއުލާންސް އެގެ ކައިރިއަށް ގޮސްފައިވާ ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އިން ބުނާ އެމްބިއުލާންސް އައިސްފައި ނުވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ގުޅައިގެން އިރުތަކެއް ފަހުން ހޮސްޕިޓަލަށް ދިޔައިރު މިޝްކާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ.

"އޭރު މިޝްކާ އަށް ނޭވާލާން ދަތިވެ، ނޭފަތުން ވެސް ހުރީ ލޭ އައިސްފައި. ކާކުތޯ މިކަމާ ޒިންމާވަނީ؟،" މިޝްކާގެ އާއިލާގެ މީހަކު ޓްވިޓާގައި ސުވާލުކޮށްފައިވެ އެވެ.