ޖޭއެސްސީ

ގާޒީ ހުޒައިފާގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

Jun 2, 2021
1

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ ސުލޫކީ މައްސަލަ މިފަހަރު ވެސް ސާބިތު ނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ގާޒީ ހުޒައިފާއާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހުށަހެޅުނު މިމައްސަލަ ބަލަމުންދާ ކަން ޖޭއެސްސީން ހާމަކުރީ މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު އެވެ. ނަމަވެސް ކޮމިޝަނުން ބެލި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީން މިއަދު ބުނީ ކޮމިޝަނަށް ހުށަހެޅުނު ހުޒައިފާގެ ސުލޫކީ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ގާޒީ ހުޒައިފާ މުހައްމަދާ ގުޅޭގޮތުން މީގެ ކުރިންވެސް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ވެސް ތަހުގީގު ކުރުމަށްފަހު ޖުލައި 3، 2019 ގައި އެ ކޮމިޝަނުން ވަނީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފަ އެވެ.

ހުޒައިފާއާ ދެކޮޅަށް އެފަހަރު ޝަކުވާ ހުށަހެޅި ފަރާތަކީ ފެމިލީ ކޯޓުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އަލީ ސައީދު އެވެ. އޭރު އެ މައްސަލަ ހިނގާފައިވާ ގޮތުން ގާޒީ ހުޒއިފާގެ މައްސަލައެއް އެކަމުގައި އޮތް ކަމަށް މެންބަރުންނަށް ނުފެންނާތީ މައްސަލަ ސާބިތު ނުވާ ކަމަށް އެ ފަހަރު ނިންމީ ކަމަށްވެސް ބުނެފައިވެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށްފަހު ފިޔަވަޅު އަޅަމުންދާ ގޮތުން ބައެއް މީހުންގެ ފާޑުކިޔުން މިފަހުން ވަރަށް ބޮޑަށް ކޮމިޝަނަށް އަމާޒުވެފައިވެ އެވެ.