ދުނިޔެ

އިޒްރޭލަށް އާ ރައީސެއް

Jun 3, 2021

އިޒްރޭލުގެ ގާނޫންހަދާ މަޖިލީހުން އެ ގައުމަށް އާ ރައީސަކު އައްޔަން ކުރައްވައިފި އެވެ. ގާނޫނު ހަދާ މަޖިލީސް، ކްނެސެޓްގައި ނެގި ސިއްރު ވޯޓަކުން ރައީސް ކަމަށް ހޮވިވަޑައިގަތީ އިސާކް ހެރްޒޮގް އެވެ. އިޒްރޭލަށް އާ ރައިސަކު ހޮވާފައި މިވަނީ މިހާރު ރައީސް ކަމުގައި ހުންނެވި ރޫވެން ރިވްލީން ދައުރު ހަމަވުވާ ގުޅިގެންނެވެ.

އިޒްރޭލުގެ ރައީސަކީ ދައުލަތުގެ ވެރިޔާ ނަމަވެސް ސަރުކާރު ހިންގަވަނީ ބޮޑުވަޒީރެވެ. ރައިސްކަމުގެ ދައުރަކީ ހަތް އަހަރެވެ. ރޫވެން ރިވްލީން އިޒްރޭލުގެ ރައީސް ކަމަށް އައްޔަން ކުރެވުނީ ޖުލައި 24، 2014 ގައެވެ. ރައީސަކަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ލިބިވަޑައި ނުގަންނަވަ އެވެ. އިޒްރޭލުގައި ނައިބު ރައީސަކު ނުހުންނަވަ އެވެ. ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި ގާނޫންހަދާ މަޖިލީހުން ފާސް ކުރާ ގާނޫންތައް ތަސްދީގު ކުރެއްވުމާއި ގައުމުތަކަށް ސަފީރުން ކަނޑައެޅުންވުން އަދި ދައުލަތުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުން ހިމެނެ އެވެ. ގައުމީ އެއްބައިވަންތަކަށް ދެމެހެއްޓެވުމަކީ ވެސް ރައީސްގެ ޒިންމާއެކެވެ.

ކްނެސެޓްގައި ނެގި ސިއްރު ވޯޓުން ހެރްޒޮގްއަށް 87 ވޯޓް ލިބިވަޑައިގަތެވެ. ރައީސަކު ހޮވަނީ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. ކްނެސެޓްގައި ހިމެނެނީ 120 ގޮނޑި އެވެ. އާ ރައީސް މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ ޖުލައި 9، 2021 ގައެވެ.

އިޒްރޭލުގައި ރައީސަކު ހޮވަން ކެމްޕޭން ކުރިއިރު މިހާރުގެ ބޮޑުވަޒީރު ރައީސްކަމަށް ގެނައުމަށް މަޝްވަރާ ކުރެވުނެވެ. ގާނޫންހަދާ މަޖިލީހުގައި ވެސް މި ވާހަކަތައް ދެކެވުނެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުން އެބޭފުޅުންގެ ވޯޓް ނަތަންޔާހޫއަށް ލިބިވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް، ގައުމުގެ ރައީސް ކަމަށް ވުރެ ނަތަންޔާހޫ ބޮޑަށް ބޭނުންފުޅުވަނީ ބޮޑުވަޒީރު ކަމެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ކަމުން ނަތަންޔާހޫ ވަކިކުރުމަށް ޕާޓީތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އިދިކޮޅު ޕާޓީތައް ކޯލިޝަން ހަދައިގެން ނަމަވެސް ނަތަންޔާހޫ ދުރުކުރާނެ ކަމަށް އޮތީ ބުނެފަ އެވެ.

އިޒްރޭލުގައި މާޗް 23 ގައި އޮތް އާންމު އިންތިހާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކޯލިޝަން ނުހަދައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގާނޫނު ހަދާ މަޖިލީހުން ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ސަރުކާރެއް އެކުލަވާލެވެނީ ކްނެސެޓްގައި ހިމެނޭ 120 ގޮނޑިއަށް ވާދަކޮށް އަޣުލަބިއްޔަތުންނެވެ. އެއީ 61 ގޮނޑި އެވެ. އެހެން ނަމަވެސް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. އަނެއްކޮޅުން ސަރުކާރެއް އެކުލަވާލެއްވުމަށް ނަތަންޔާހޫއަށް ރައީސް ރޫވެން ރިވްލީން ދެއްވި ފުރުސަތުގައި އެކަށީގެންވާ ވަރަށް ބައިވެރިން ލިބިވަޑައިގެންފައެއް ވެސް ނުވެ އެވެ.