ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ތުރުކީއަށް ބަޔޮންޓެކުން 12 މިލިއަން ކޮވިޑް ވެކްސިން

ތުރުކީއަށް ބަޔޮންޓެކުން 12 މިލިއަން ކޮވިޑް ވެކްސިން ފޯރު ކޮށްދޭނެ ކަމަށް ހެލްތު މިނިސްޓަރު، ފަހްރޭތިން ކޮޗާ ވިދާޅު ވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބަޔޮންޓެކްގެ ސީއީއޯ އޫރު ޝާހީންއާ މަޝްވަރާކުރައްވައިފި ކަމަށާއި 12 މިލިއަން ބަޔޮންޓެކް ވެކްސިން އެކްސްޕޯޓްކުރަން ތައްޔާރު ކަމަށް ވިދާޅުވި ކަމަށެވެ.

ބަޔޮންޓެކްގެ ސީއީއޯ އޫރު ޝާހީނަކީ ތުރުކީ ނަސްލު ޖަރުމަނު ރައްޔިތެކެވެ. އޭނާގެ މަންމައާ ބައްޕައަކީ ހިޖުރަވެރިންނެވެ. ޝާހީންގެ އަނބިކަނބަލުން އަޒްލީން ތޫރެޖާ އަކީ ވެސް ތުރުކީ ނަސްލު އަންހެނެކެވެ.

ހެލްތު މިނިސްޓަރު ފަހްރޭތިން ކޮޗާ ވިދާޅުވީ މިހަފުތާއިން ފެށިގެން އަންނަ ހަފުތާގެ ނިޔަލަން ޝިޕްމަންޓްތަކަކަށް ބަހާލައިގެން ތުރުކީއަށް ވެކްސިން ލިބެން ފަށާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޝާހީން ވަނީ އެ ޔަގީންކަން ދެއްވާފައި ކަމަށެވެ.

ތުރުކީގައި މިހާރު ވެސް ބަޔޮންޓެކް ކޮވިޑް ވެކްސިން ޖަހައިދެ އެވެ. ދެން ޖައިދޭ ވެކްސިނަކީ ޗައިނާ ސިނޮވެކް އެވެ. ރަޝިއާގެ ސްޕުޓްނިކްވީ ވެކްސިން ގަތުމަށްޓަކައި އެގްރީމަންޓްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެގައުމުން ބުނެ އެވެ.

ހެލްތު މިނިސްޓަރު ފަހްރޭތިން ކޮޗާ ވިދާޅުވީ މާސްކް ނާޅައި އުޅެވޭ ވަރު ވާނީ އާބާދީގެ 60 ޕަސެންޓަށް ވެކްސިން ދެވުމުން ކަމަށާއި ސިއްހީ އިދާރާތަކުން ދޭ އިރުޝާދަށް އިހުތިރާމްކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާވާފައި އޮތް ގޮތަށް މަސައްކަތްތައް ކުރެވިއްޖެ ނަމަ ޖޫން ނިމޭ ހިސާބުގައި 20 އަހަރުން މައްޗަށް ވެކްސިން ދޭން ފައްޓަވާނެ ކަމަށެވެ.

ތުރުކީން މެދު ޖެނުއަރިގައި ވެކްސިން ޕްރޮގްރާމް ފެށިފަހުން 29.5 މިލިއަން ޑޯޒް ދީފައިވާ ކަމަށް ރަސްމީ އަދަދުތަކުން ދައްކަ އެވެ. ފުރަތަމަ ޑޯޒް 16.64 ޖަހާފައި ވާއިރު ދެޑޯޒް ފުރިހަމަކޮށްފައި ވަނީ 12.56 މީހުންނެވެ.