އެމެރިކާއިން އީރާނާއެކު މަޝްވަރާ ކުރަނީ އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ކުރާ މަސައްކަތްތަކާ މެދު އެމެރިކާ ކަންބޮޑުވާތީ ކަމަށް ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވެއްޖެ އެވެ. އެކަމަނާ ވިދާޅުވީ އިޒްރޭލަށް ކަމުނުދިޔައެއް ކަމަކު އެމެރިކާއިން އީރާނާ ވާހަކަ ދައްކާނެ ކަމަށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވީ އީރާނުން ނިއުކްލިއާ ބާރަކަށް ވުމަށް ވުރެ ބޮޑު ނުރައްކަލެއް އިޒްރޭލަށް ނެތް ކަމަށާއި އެމެރިކާއިން ކިތަންމެ ވަރަށް ދެކޮޅު ހެދި ނަމަވެސް އީރާން ނިއުކްލިއާ ބާރަކަށް ވިޔަ ނުދެއްވާނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ އެމެރިކާއާ އޮތް ގާތްކަން ކަނޑާލަން ޖެހުނަސް ދުޝްމަނުންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ އީރާންއާ މަޝްވަރާ ކުރަނީ ޑިޕްލޮމެޓިކު ޗެނަލުން ކަމަށާއި އިރާން މިހާރު އެހުރި ފެންވަރަށް ނިއުކްލިއާ މުއްސަނދި ކުރީ އެމެރިކާގެ ސަރުކާރުން ކުރިން ހިންގެވި ބައެއްގެ އިހުމާލުން ކަމަށެވެ.
ޖެން ސާކީ ވިދާޅުވީ އީރާންއާ ވާހަކަ ދައްކަން އެމެރިކާ ޝައުގުވެރިވާ ކަމަށާއި އިޒްރޭލުން ބުނެގެން ހުއްޓައި ނުލާނެ ކަމަށެވެ. އެކަމަނާ އަދި ވިދާޅުވީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރި ކަމަށް ހޭދަ ކުރައްވާނެ ކަމަށާއި އީރާންއާ އެކު ވެސް ސުލްހައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.