ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އަޕްގްރޭޑަކަށް، ކާޑު ޕޭމަންޓްތައް އަވަހަށް ނިންމާލާ

Jun 3, 2021
1

ބޭންކް އޮފް މޯލްޑިވްސްގެ ކާޑް ސިސްޓަމް އަޕްގްރޭޑް ކުރަން ފަށާ މަސައްކަތަކަށް މިރޭ 10:00 އިން ފެށިގެން މާދަމާ ހެދުނު 9:00 އަށް ކާޑު ބޭނުން ކޮށްގެން ހިންގާ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކެނޑިގެން ދާނެ އެވެ.

މި އަޕްގްރޭޑަކީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ބޭންކުން ކުރާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށާއި ސިނާއަތުގެ މިންގަޑަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ކުރާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ކުރަން ވަގުތު ހޯދާފައި ވަނީ ކަސްޓަމަރުންނަށް ދަތިތަކާ ދިމާ ނުވާނެހެނެވެ.

މެދުކެނޑޭނީ ކޮން ހިދުމަތްތަކެއް؟

މަސައްކަތްތައް ކުރާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ދެމުންދާ ކާޑުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑޭނެ އެވެ. އެހެން ކަމުން އޭޓީއެމާއި ޕީއޯއެސް އާއި އެމްޕޮސް އަދި މާޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭގެ ހިދުމަތާއި ބީއެމްއެލް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ އިތުރުން ޑިޖިޓަލް ޕިންގެ ހިދުމަތް ވެސް މެދު ކެނޑޭނެ އެވެ.

އެ ގަޑީގައި ޓްރާންސްފާ ކުރެވޭނެތަ؟

ކާޑުގެ ހިދުމަތްތައް މެދުކެނޑިގެން ދާ ވަގުތުގައި ވެސް އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ އެވެ. އެހެން ކަމުން ކަސްޓަމަރުންނަށް އެކައުންޓް ބެލެންސް ޗެކް ކުރުމާއި، އެކައުންޓުން ފައިސާ ޓްރާންސްފާ ކުރުމާއި އެކައުންޓް ހިސްޓްރީ ވެސް ޗެކް ކުރެވޭނެ އެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ބޭންކަށް މެސެޖް ނުވަތަ މެއިލް ވެސް ފޮނުވޭނެ އެވެ.

ބޭރުގައި ކާޑުން ހިދުމަތް ހޯދާނަމަ ހަދަންވީ ކިހިނެއް؟

މަސައްކަތްކުރުމަށް ވަގުތު ކަނޑައަޅާފައި ވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެނެވެ. ނަމަވެސް މިވަގުތާ ދިމާކޮށް ކާޑު ބޭނުން ކޮށްގެން މުއާމަލާތެއް ކުރަންޖެހޭ ނަމަ އެ މުއާމަލާތެއް ކުރިން ނިންމުމަށް ބޭންކުން އިލްތިމާސް ކުރެ އެވެ. މި ގޮތުން ހޮޓަލަކުން ޗެކް-އައުޓް ވާންޖެހޭ ވަގުތު ފައިސާ ދައްކަން ޖެހޭ ހާލަތެއް މެދުވެރިވާނަމަ، ނުވަތަ އޭޓީއެމް އިން ފައިސާ ނެގުން ފަދަ ކަންކަން ކުރީބައިގައި ނިންމަން ބޭންކުން އެދެ އެވެ. މީގެ އިތުރުން އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭ ފްލައިޓް ޓިކެޓް، ބިލް ނުވަތަ ސަބްސްކްރިޕްޝަނެއްގެ ސުންގަޑި ހަމަވާނަމަ އެކަން ވެސް ކުރިން ނިންމަން އެދެ އެވެ.