ކްރިމިނަލް ކޯޓް

އަންމަޓީގެ ބަންދަށް އަށް ދުވަސް

ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އަހްމަދު މޫސާ (އަންމަޓީ)ގެ ބަންދަށް އިތުރު އަށް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

އަންމަޓީގެ ބަންދު މުއްދަތު މުރާޖައާ ކުރަން އޭނާ ކޯޓަށް ގެންދިޔައީ އިއްޔެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް މައްސަލަ ބަންދު މުރާޖައާ ކުރި މަޖިލީހުގައި އިންނެވީ މައްސަލަ ބައްލަވާ ފަނޑިޔާރު ނޫން ކަމުން ގާޒީ އާދަމް މުހައްމަދު ނިންމެވީ އަށް ދުވަސް ދިނުމަށެވެ.

އޭނާގެ މައްސަލަ ބަލާނެ ފަނޑިޔާރަކު އަދި ކަނޑައެޅިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އަންމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.