ބަންގަލަދޭޝްގައި ދިވެހި ސިފައިން ތަމްރީނު ކުރުމަށް އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަހުމަދު މަޝްވަރާ ކުރައްވައިފި އެވެ.
ޖެނެރަލް އަޒީޒް އަހުމަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. މިނިސްޓަރު މާރިޔާ އާއި އެމަނިކުފާނު ބައްދަލު ކުރައްވާފައި ވަނީ މިއަދު ހެނދުނު އެވެ.
މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރު ކުރުމާއި، އެ ގައުމުގައި ދިވެހި ސިފައިން ތަމްރީނު ކުރުމަށް އިތުރު ފުރުސަތުތައް ހޯދުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން ދެ ގައުމުގެ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މިގޮތުން ޑިޒާސްޓާ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ ގޮތްގޮތުން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، ކޮވިޑާއި ގުޅިގެން ނޭޕާލްގައި ތާށިވެފައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ ގެނެސްދިނުމުގައާއި، މި ޕެންޑަމިކްގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަގްލަދޭޝް އަސްކަރިއްޔާގެ މެޑިކަލް ޓީމެއް މިހާރު ވެސް ރާއްޖޭގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.